އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަގާފަތާއި ޚިލާފު ކަންކަމާ ދުރުވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިސްލާމް ދީނުގެ ޙުދޫދުން ބޭރުވާނުވާ ގޮތަށް ޢަމަލުތައް ބައްޓަންކުރެއްވުމަށް ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ކިބައިން ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށްވުމަކީ މި ޤައުމަށް ޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.
އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް. މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ. ފިލްމާއި…
— Dr Mohamed Muizzu (@MMuizzu) November 21, 2025
އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިންވެސް ވަނީ ވިދާޅުވެއްޖެއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ތަޢުލީމާއި ތަރުބިއްޔަތު ދަރީންނަށް ދީ، އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ދިވެހީންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމާއި، އިސްލާމީ ހަޟާރަތް ކުރިއަރުވާ މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ.