އާސެނަލްގެ ޑިފެންޑަރ ގެބްރިއަލް އަށް އަނިޔާވެ ހަފްތާ ތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު ޓޮޓްނަމް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފައިވަނީ ގެބްރިއަލްގެ ފަލަ މަސްގަނޑަށް އަނިޔާ ވެފައިވާ ކަމަށެވެ.
"އޭނާ (ގެބްރިއަލް) ގެ ފަލަ މަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާވަނީ ހަފްތާ ތަކަކަށް ކުޅުމާއި ދުރަށް ދާން ޖެހިފަ. އަންނަ ބުދަ ދުވަހު އިތުރު ސްކޭންތަކެއް ހެދުމަށްފަހު ކިހާ މުއްދަތެއް ނަގާނެކަން އެނގިގެންދާނީ." އާޓެޓާ ބުންޏެވެ.
އުމުރުން 27 އަހަރުގެ ބްރެޒިލް އަށް އުފަން ގެބްރިއަލް އަށް އަނިޔާވެފައިވަނީ އެކުވެރިކަމުގެ މެޗެއްގައި ސެނެގާލް އާއި ދެކޮޅަށް ބްރެޒިލް އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައެވެ. އަދި އޭގެ ތިން ދުވަސް ފަހުން ޓިއުނީޝިޔާ އާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ.
އާޓެޓާ އިތުރަށް ބުނެފައިވަނީ ގެބްރިއަލް އަށް ލިބުނު އަނިޔާއަކީ އެ ޓީމަށް ކުރިމަތިވި ބޮޑު ގެއްލުމެއް ކަމަށެވެ.
"ހަމަ ޔަގީނުންވެސް އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް. އޭނާ އަކީ ޓީމުގެ ޑިފެންސްގެ މައި ތަނބު. ނަމަވެސް އޭނާ ނެތްތަން ފޫބެއްދުން ނޫން ގޮތެއް މިވަގުތު ނެތް." އާޓެޓާ އިތުރަށް ބުންޏެވެ.
2020 ވަނަ އަހަރު ފްރާންސްގެ ލިލް އިން 23.1 މިލިއަން ޕައުންޑުގެ ފީ އަކަށް އާސެނަލް އާއި ގުޅުނު ފަހުން ގެބްރިއަލް ވަނީ އެ ޓީމުގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި މި ސީޒަނުގައި އާސެނަލް މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު 11 މެޗުގައިވެސް އޭނާ ވަނީ ފުރަތަމަ ޓީމުގައި ހިމެނިފަ އެވެ.
ގެބްރިއަލްގެ އިތުރުން އާސެނަލްގެ އަނިޔާގެ ލިސްޓުގައި ދެން ހިމެނެނީ އިޓަލީގެ ޑިފެންޑަރ ރިކާޑޯ ކަލިފިއޯރީ އާއި ސްވިޑަންގެ ފޯވަޑް ވިކްޓަރ ގިޔޮކޯރެސް އެވެ.