ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައެއް ތަހުޤީޤު ކުރަނީ


  • ފުރަތަމަ މައްސަލައިގައި ގެއްލިފައިވަނީ 6 ކާޓަން ސިނގިރޭޓު

  • ދެވަނަ މައްސަލާގައި 25 ކާޓަން ގެއްލިފައިވޭ

ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި ސިނގިރޭޓި ކާޓަން ތަކެއް ގެއްލުނު މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިޑީއާތަކާއި ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ ޤާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓި ގެންގޮސްފައިވާ ކަމަށެވެ. މިތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިއަހަރު މެއި މަހުގެ 23 ވަނަ ދުވަހު ނެގި ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި ބަހައްޓާފައި ހުރީ ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައެވެ.

މީގެ ތެރެއިން 6 ކާޓަން މަދުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ތަހުޤީޤު ކުރަމުން ދަނިކޮށް މީގެ ކުރިންވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހު 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ، 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ފާހަގަކުރެވުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ދެ މައްސަލައާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.