ޚަބަރު

ފުލުހުންގެ މުޢައްސަސާއަށް އޮންނަ އިތުބާރު ގެއްލުވާލަން ފުރުޞަތެއް ނުދޭނަން: ފުލުހުން


  • ސިނގިރޭޓު ގެއްލުނު މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވި

  • ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި ހުރި 31 ކާޓަން ސިނގިރޭޓު ވަނީ ގެއްލިފައި

ފުލުހުންގެ މުޢައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ، ވިލިމާލެ ޕޮލިސް ސްޓޭޝަނުން 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލާގައި ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ، އެ މުޢައްސަސާގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޚިދުމަތުގެ އަޚުލާޤީ މިންގަނޑުތަކާއި، އަސާސީ އުސޫލުތަކާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ އެކަމަށް ބޮޑު އިސްކަމެއްދީގެން ފުލުހުން ތަހުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަޚުލާޤާއ،ި ހަރުދަނާ މަސައްކަތުގެ ރޫޚާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.

ފުލުހުން ވަނީ، މިކަމުގައި ބައިވެރިވި ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

ފުލުހުން ވިދާޅުވީ، އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިޚުލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، އެ މުޢައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަމުން ގެންދާ މައިގަނޑު އަމާޒު ކަމަށެވެ.

މިމައްސަލައިގެ މައުލޫމާތު ހާމަކޮށް ފުލުހުން ވިދާޅުވީ، ޤާނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 32 ކާޓަން ސިނގިރޭޓު ގެންގޮސްފައިވާ ކަމަށެވެ. އަދި މިތަކެއްޗަކީ، ބިދޭސީއެއްގެ އަތުން މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު ނެގި ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި ބަހައްޓާފައި ހުރީ، ވިލިމާލޭ ޕޮލިސް ސްޓޭޝަނުގައެވެ.

މީގެ ތެރެއިން 6 ކާޓަން މަދުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތި މަދުވިކަން އެނގުނީ، އޮންނަ އުސޫލުގެ ތެރެއިން މިތަކެތި ކަސްޓަމްސްއާއި ހަވާލުކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ތަހުޤީޤު ކުރަމުން ދަނިކޮށް މީގެ ކުރިންވެސް މިފަދަ ކަމެއް ހިންގާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 ކާޓަން ސިނގިރޭޓު ގެއްލިފައިވާކަން ފާހަގަވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ދެ މައްސަލައާއި ގުޅިގެން ޖިނާޢީ ތަހުޤީޤެއް ކުރަމުންދާ ކަމަށެވެ. އަދި މައްސަލަތަކާއި ގުޅޭ އިދާރީ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.