ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާއި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ. އަދި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވީ، މިއީ ޕީއެސްއެމް އަދި ސީއޭ މޯލްޑިވްސްއަށްވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ތަފާތު އެކި ހަރަކާތްތަކާއި ޕްރޮގްރާމްތައް ރާވައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހަލީމް ފާހަގަކުރެއްވިއެވެ.
"މި އެމްއޯޔޫއާއެކު ޕީއެސްއެމްއާއި ސީއޭ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތައް ރާވާނެ އަދި ހިންގާނެ. އަދި އަޅުގަނޑުމެން ބޭނުންވާ ވިޒިބިލިޓީގެ ތެރެއިން ފަހި ފުރުސަތުތަކެއް އޮތްކަމަށް ގަބޫލުުރެވޭތީ ސްޓްރެޓެޖިކް އިންޓްރެސްޓު މިކަމުގައި ހިމެނޭތީވެ އަޅުގަނޑުމެން މި އެމްއޯޔޫގަ ސޮއި މިކުރީ. ދެން އަޅުގަނޑުމެން ގަބޫލުކުރަނީ މި އެއްބަސްވުމަކީ ޕީއެސްއެމް އަދި ސީއޭ މޯލްޑިވްސްއަށްވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ އެއްބަސްވުމެއް ކަމަށް." ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން، އެކައުންޓެންސީ ދާއިރާގެ މަސައްކަތްތަކާއި މުހިންމު މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމުގައި ޕީއެސްއެމްގެ ދައުރު މުހިންމު ވާނެ ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމުން ވިދާޅުވީ، މިއީ ޕީއެސްއެމްއަށްވެސް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ސީއޭ މޯލްޑިވްސްއާއެކު ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިވެ، މުޖުތަމައަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަންއާ ގުޅޭ ކަންތައްތައް ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި، ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ އިންސްޓިޓިއުޓްއެކެވެ.