ޚަބަރު

މަސްވެރިކަމުގައި ދިވެހިން ދެމިތިބެވޭނީ، ޒުވާނުން މި ސިނާޢަތަށް ނިކުމެގެން: ވަޒީރު ޝިޔާމް


  • ޒުވާން މަސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ފުރަތަމަ ބެޗަށް 5 ޒުވާނުން ހޮވިފައިވޭ

  • މި ޒުވާނުން މަސް ދޯނިތަކުގައި 3 މަސް ދުވަހުގެ ތަމްރީނެއް ފުރިހަމަކުރާނެ

މަސްވެރިކަމުގެ ސިނާޢަތުގައި ދިވެހިން ދެމިތިބޭނީ، ގިނަ ޒުވާނުން އެ ސިނާޢަތުގެ ތެރެއަށް ވަދެގެން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ސަރުކާރުން ހިންގާ ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު ޒުވާނުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިކަމަށް ޒުވާނުން ނެރުމަށް ހިންގާ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ، ރާއްޖޭގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާނުން މިސިނާޢަތުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މަސްވެރިކަމާ ބެހޭ ވުޒާރައިން ވިދާޅުވީ މި ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 7 ޒުވާނުން ޕްރޮގްރާމުގައި ބައިވެރިވުމަށް ކުރިމަތިލި ކަމަށެވެ. ނަމަވެސް އިންޓަވިއު މަރުހަލާތަކަށް ފަހު ޕްރޮގްރާމުގައި ބައިވެރިވުމަށް ހޮވުނީ 5 ޒުވާނުންކަމަށް އެވުޒާރާއިން ވިދަޅުވިއެވެ. މި ޕްރޮގްރާމަށް ހޮވުނު ޒުވާނުން މަސް ދޯނިތަކުގައި 3 މަސް ދުވަހު މަސައްކަތް ކުރާނެއެވެ.

މި ޕްރޮގްރާމަށް ހޮވުނު ކުދިންނަށް ލިޔުން ދިނުމުގެ ރަސްމިއްޔާތުގައި ވާޙަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ މި ސިނާޢަތަށް ޒުވާނުން ނެރުމަށްޓަކައި މިއީ ކިހާވަރެއްގެ މަސައްކަތެއްކަން ޒުވާނުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި މިކަމުގައި މުރާލި ކަމާއެކު ޒުވާނުން ހަރަކާތްތެރިވުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ޒުވާނުން ދެތިތިބުން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ދޯނިތަކުގައި ބިދޭސީން ޑޮމިނޭޓް ކުރާތަން ފެންނާކަށް. މި ސިނާޢަތުގައި ދިވެހިން ދެމިތިބޭނީ ގިނަ ޒުވާނުން މި ސިނާޢަތުގެ ތެރެއަށް ވަދެގެން." މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މި ޕްރޮގްރާމުގެ ތެރެއިން ދޯނިތަކުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ހޯދުމަށް މިމަސައްކަތް ފުރިހަމައަށް ދަސްކުރުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ދައިރާގައި ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައި ލިބޭ ފަންނީ ފުރުސަތުތަކުގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ހޮވުނު ޒުވާނުން 3 މަސް ދުވަސް ވަންދެން މަސް ދޯނިތަކުގައި މަސައްކަތް ކުރާނެއެވެ. މަސްވެރިކަމާ ބެހޭ ވުޒާރައިން ވިދާޅުވީ ޒުވާނުން މަހަށް ދިއުމަށް ކަނޑައެޅި ދޯނިތަކަކީ މިވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި މަސްވެރިކަމުގައި އެންމެ ރަނގަޅު އާމްދަނީއެއް ހޯދި ދޯނިތަކުގެ ތެރެއިން ހޮވާފައިވާ ދޯނިތަކެއް ކަމަށެވެ. މި ދޯނިތަކުން ޒުވާނުން ކުރިއަށް އޮތް ހަފުތާ ތެރޭ މަހަށް ދިއުމަށް ފުރާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދަޅުވީ، މި ދޯނިތަކަކީ އެންމެ ޒަމާނީ ވަސީލަތްތައް ޤައިމްކުރެވިފައިވާ ދޯނިތައް ކަމަށެވެ. އެގޮތުން، ތަޖުރިބާކާރު މަސްވެރިންނާއި ދޯނީގެ ފަޅުވެރިންނާއެކު 3 މަސްދުވަހުގެ މުއްދަތަށް އަމަލީ ތަމްރީނު ހާސިލުކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމަށް ފަސް ފަރާތެއް ހޮވުނުއިރު، އެ ފަރާތްތަކުން ވަނީ އެމްއެންޑީފް، ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ 'ޖެނެރަލް ނެވިގޭޝަން ކޯސް' ފުރިހަމަކޮށްފައެވެ. ރ. ދުވާފަރުގައި ބޭއްވި ނެވިކަމުގެ ލެވެލް 2 ކޯހަކީ 36 ގަޑިއިރުގެ ތަމްރީނު ކޯހެކެވެ.

ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު ޒުވާނުންނަކީ އުމުރުން 24 އަހަރުން ދަށުގެ މަސްވެރިކަމުގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތައް ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މުޅިން އަލަށް މި ދާއިރާއަށް ނިކުންނަށް ޒުވާނުން ނެގުމަށް ބަލާފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރައިން ވިދާޅުވިއެވެ.