ޚަބަރު

ހިއުމަން ރައިޓްސް އެކްޝަން ޕްލޭން ޑިސެމްބަރ މަހު ތަންފީޒު ކުރަނީ


މިހާރު އެކުލަވާލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އިންސާނީ ޙައްޤުތަކުގެ އެކްޝަން ޕްލޭން އަންނަ ޑިސެމްބަރު މަހުގެ ދިހަވަނަ ދުވަހު ތަންފީޒު ކުރައްވަން ފައްޓަވާނެކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ މި އެކްޝަން ޕްލޭންގެ ޑްރާފްޓާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވަމުންނެވެ.

ރާއްޖޭގެ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭންގެ ދެލިކޮޕީއާއި މެދު މަޝްވަރާކުރައްވާ، އެކަމާއި މެދުއިތުރަށް ޚިޔާލު ހޯއްދެވުމަށް ކަމާބެހޭ އިދާރާތަކުގެ މެދުގައިކުރިއަށްގެންދަވާ މަސައްކަތު ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނާއިބް އަލްއުސްތާޛު މުޙައްމަދު ޢަނިލް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރި ކޮށްދެއްވުން ކަމަށެވެ. އަދި، ޤައުމީ ފެންވަރުގައި ރާއްޖޭގައި އެކުލަވާލާ އިންސާނީ ހައްޤުތަކުގެ ފުރަތަމަ އެކްޝަން ޕްލޭނަކީ އޭގައިވާ ކަންކަން ތަންފީޒު ކުރެވޭނެ ފަދަ އެކްޝަން ޕްލޭނަކަށް ހެއްދެވުން މުހިންމު ކަމަށް ބަންޑާރަ ނާއިބް ވިދާޅުވިއެވެ.

"މި އެކުލަވާލެވޭ އެކްޝަން ޕްލޭނަކީ ނަމެއްގައި ނޫނީ ކަރުދާހެއްގައި އެކުލަވާލާ އެއްޗަކަށް ވެގެން ނުވާނެ. މިއީ އަމަލީ ގޮތުން ހަޤީޤަތަކަށް ހެދޭނެ އަޅުގަނޑުމެންގެ ހުރި ވަޞީލަތްތަކަށް ނިސްބަތްކޮށް ކަންތައްތަކަށް އެކްޝަން ޕްލޭނަކަށް ހެދުމަކީ މުހިންމު ކަމެއް. ހަމައެއާއިއެކު އެކަން މޮނިޓާކޮށް އިންޓަރ އެޖެންސީގެ ގުޅުން އޮންނާނެ ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ރައްޔިތުންނަށް ޤަބޫލު ކުރެވޭ ދެމެހެއްޓެނިވި އެއްޗަކަށް ވުން ވެސް ވަރަށް މުހިންމު". ބަންޑާރައިބް އަލްއުސްތާޒު މުޙައްމަދު އަނިލް ވިދާޅުވިއެވެ.

ޔޫއެންޑީޕީއާއި ޔޫއެންއެފްޕީއޭ ގެ އެހީތެރިކަމާއެކު އެޓަރނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައްވާ މި އެކްޝްން ޕްލޭން އެކުލަވާލައްވަނީ މިކަމަށް ޚާއްޞަ ސްޓިއަރިންގ ކޮމެޓީއަކުންނެވެ. މި ކޮމެޓީގައި ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ބައިވެރިވެ ވަޑައިގަންނަވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. މި އެކްޝަން ޕްލޭންގެ ދެލިކޮޕީ އެކުލަވާލެއްވުމުގައި ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކުރައްވާ މިކަމާ ބެހޭގޮތުން އެކި ރަށްރަށުގައި ތަފާތު އެކި ފަރާތްތަކާއެކު މަޝްވަރާ ކުރައްވާފައިވާކަމަށް އޭޖީ އެފީހުން ވިދާޅުވިއެވެ.

"މި ވޯކްޝޮފުން ހާޞިލް ކުރަން ބޭނުންވާ ކަންކަމަށް ބަލާއިރު އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ އެންމެންނަށްވެސް ޤަބޫލް ކުރެވޭނެ ފަދަ އެއްޗެއް އެކުލަވާލެވި އެ ތަންފީޒް ކުރަމުން ގެންދިއުން. ހަޤީޤަތުގައި މިއަދު އަޅުގަނޑުމެން މިފަށަނީ މަގުޗާޓެއް ކުރެހުމުގެ މަސައްކަތް. މި މަގުޗާޓަކީ އަޅުގަނޑުމެން ކުރިއަށް އޮތް ފަސްއަހަރު ތަންފީޒް ކުރާނެ މަގުޗާޓެއް. އެހެންވެ ވަރަށް މުހިންމު މި މަގުޗާޓަކީ އަޅުގަނޑުމެން އެންމެން ކުރާ އަމަލީ މަސައްކަތްތަކާ ގުޅިލާމެހިގެން ދާނެ ކަމަކަށް ހެދުން. އިންސާނީ ހައްޤުތަކުގެ ބަހުރުވައާއި އިންސާނީ ހައްޤްތަކުގެ ނަޒަރިއްޔާ އަޅުގަނޑުމެން ކޮންމެ ދާއިރާއަކުން ކުރާ މަސައްކަތްތަކާ ގުޅި ލާމެހެން އެބަޖެހޭ" ސީނިއަރ ސްޓޭޓް އެޓަރނީ އަލްއުސްތާޛާޝަފީޢާ ރިޒާ ވިދާޅުވިއެވެ..

އިންސާނީ ޙައްޤުތަކުގެ އެކްޝަން ޕްލޭން އެކުލަވާލެއްވުމަށް ތައްޔާރު ކުރައްވާފައިވާ ދެލިކޮޕީއަށް ޚިޔާލު ހޯއްދެވުމަށް ކުރިއަށްގެންދަވާ މި މަސައްކަތު ބައްދަލުވުމުގައި ކަމާއިގުޅޭ ހުރިހާ މުވައްސަސާތަކަކުން ބައިވެރިވެވަޑައިގަންނަވައެވެ.