ވިލިމާލެ ތަރައްޤީކުރިއަށް ގެންދާނީ ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީ، ރަށުގެ ފެހިކަން ނުގެއްލޭގޮތަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ވިލިމާލޭ ރައްޔިތުންނާ ބައްދަލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ތިލަމާލޭ ބްރިޖަކީ ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ އަދި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢުއެވެ. އެހެންކަމުން، އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް ބަދަލަކާއި ގުޅިފައިވާ މިމަޝްރޫޢު ނިމިގެންދިޔުމަކީ މިސަރަޙައްދުގެ ރައްޔިތުންގެ އޮތް ބޮޑު އުއްމީދެކެވެ.
ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ތިލަމާލެ ބްރިޖުގެ އެންމެ ފަހުގެ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ފެނުގެ އަޑީގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ސުޕަރސްޓަރަކްޗަރގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ބޭނުންވާ ސްޕީޑުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށްނުދާކަމަށާއި، މި މަޝްރޫޢުގެ ދުވެލި އަވަސްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މީގެ އިތުރުން، މި ބްރިޖު ނިމޭ ސަރަހައްދުގައި ފާކިން ބްލިންޑިންއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އިންޑިއާ ސަރުކާރުގެ އެލްއޯސީގެ ތެރެއިން އަޅުގަނޑުމެން ހުށަހަޅާނަން އެތަނުގައި ޕާކިން ބްލިންޑިންއެއް އެޅުމަށް. އޭރުން މިހާރު އެތަނުގައި ބެހެއްޓޭ ކާރާއި ސައިކަލަށްވުރެ މާ ބޮޑު އަދަދެއްގެ އުޅަނދު އެތަނުގައި ޕާކްކޮށްފައި ބެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެ. އެހެންމަ އަޅުގަނޑުމެން މި ބްރިޖްތައް ތަރައްޤީކުރާނީ މިރަށުގެ ރައްޔިތުން ބޭނުންވާގޮތަށް." ޢިމާރާތްކުރުމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖު ނިމިގެންދާއިރު ވިލިމާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުންވެސް ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ. ނަމަވެސް ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް މާލެއިން، ހުޅުމާލެއިން، އަދި ގުޅީފަޅުން އަދި ތިލަފުށިން އަންނަ ވެހިކަލްތައްވެސް ވިލިމާލެ ތެރެއަށް ވަދެގެން ދަތުރުކުރުމުގެ ފުރުސަތު ފަހިކުރުމެއް. އޭގެ ބަދަލުގައި އެއް އޮތް ސަރަހައްދުގައި ޕާކް ކޮށްފައި، ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކޮށްގެން ރަށު ތެރެއަށް ވަދެވޭނެ ގޮތަށް އިންތިޒާމުތައް ހެދުމަށް ސަރުކާރުގެ ވިސްނުން ހުރީ." ޢިމާރާތްކުރުމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ބްރިޖު މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.