ޚަބަރު

ގޮނޑި ގެއްލުމާ ގުޅޭ އިސްލާހު އުނިކޮށް، އަތޮޅު ކައުންސިލު އުވާލާ އިސްލާހު ކޮމިޓީން ފާސްކޮށްފި


  • އަތޮޅު ކައުންސިލްތައް އުވާލުމަށް ގިނަ މެންބަރުން ވަނީ ބަހުސް މަރުހަލާގައި ތާއީދު ކުރައްވާފައި

މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އުނިކޮށް، އަތޮޅު ކައުންސިލް އުވާލާ އިސްލާހު ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ޤާނޫނުއަސާސީއަށް ދެ އިސްލާހެއް ހުށަހެޅުއްވިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީން އޭނާ ވަކިކޮށްފި ހާލަތެއްގައި ގޮނޑިއާމެދު ގޮތެއް ނިންމުމަށް އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅުއްވި އިސްލާހަކާއި އަތޮޅު ކައުންސިލް އުވާލުމާ ގުޅޭގޮތުން ހުށަހެޅުއްވި އިސްލާހެކެވެ.

މިހާރު ޤާނޫނުއަސާސީގައިވާގޮތުން މެންބަރަކު ޕާޓިން ވަކި ކުރާ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އެ މާއްދާ ބަދަލުކުރުމަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ގިނަ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.

އެގޮތުން، އޭގެ ސަބަބުން ދެފަހަރަށް އެއް ދާއިރާއެއްގައި އިންތިޚާބު ބާއްވަންޖެހި ޚަރަދުތައް ބޮޑުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މެންބަރުން އިންތިޚާބު ކުރަނީ ރައްޔިތުން ވަކި ޕާޓީއަކަށް އިތުބާރުކޮށްގެން ކަމަށްވާއިރު އެ މެންބަރަކު އެ ޕާޓީން ވަކިކުރާ ހާލަތުގައި މެންބަރެއްގެ ގޮތުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އޭގެ ބަދަލުގައި ދެވަނަ ފަހަރަށް އިންތިޚާބު ބާއްވައި ރައްޔިތުން ބޭނުންވާ މެންބަރަކު އިންތިޚާބު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި މި މައްސަލަ ދިރާސާކުރުމުގެ ތެރޭގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވަނީ ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައި އެ މާއްދާ އުވާލުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުން ފާސްވީ 50 މެންބަރުންގެ ވޯޓުންނެވެ.

ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން އަތޮޅު ކައުންސިލް އުވާލުމަށް ގިނަ މެންބަރުން ވަނީ ބަހުސް މަރުހަލާގައި ތާއީދު ކުރައްވާފައެވެ. އެހެންވެ މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އެކަމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ނިންމާފައެވެ. މި އިސްލާހު ފާސްވީ 52 މެންބަރުންގެ ވޯޓުންނެވެ.