ޚަބަރު

ނަތީޖާ ނުނެރެވޭތީ ހުރިހާ ދިމާލަކުންވެސް ޕްރެޝަރ އެބައޮތް: ސުޒެއިން


  • ސާގިބު އަދި އިރުފާން ކަހަލަ ކުޅުންތެރިންގެ ރިޕްލޭސް ކުރަން އުންދަގޫވާނެ ކަމަށް ސުޒެއިން ބުނި

  • ކީފަރު ސާގިބު ހުރީ އަނިޔާގައި، އިރުފާނަށް އަނިޔާވީ ގައުމީ ޓީމުން އެންމެ ފަހުން ޕިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުގައި

ނަތީޖާ ނުނެރެވޭތީ ޕްރެޝަރ އެބައޮތް ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ސުޒެއިން މިހެން ބުނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެފަހުން އޮޑި ސްޕޯޓްސް ކުލަބު އަތުން 1-0 ން ބަލިވި މެޗަށްފަހުއެވެ.

ސުޒެއިން ބުނީ ސަޕޯޓަރުންގެ ޕްރެޝަރ އަންނާނެ ކަމަށާއި، ކޮންމެ ގޮތެއްވިޔަސް ނިއުގެ ސަޕޯޓަރުން ބޭނުންވަނީ ނަތީޖާ ކަމަށް ސުޒެއިން ބުންޏެވެ.

”ޕްރެޝަރ އެބައޮތް، ކޮންމެ ގޮތެއް ވިޔަސް ނިއުގެ ސަޕޯޓަރުން ބޭނުންވާނީ ނަތީޖާ. މެނޭޖްމެންޓާއި ހުރިހާ ދިމާލަކުންވެސް ޕްރެޝަރ އެބައޮތް، ކޯޗަށްވެސް ކުޅުންތެރިންނަށްވެސް އެ ޕްރެޝަރ އެބައޮތް“ ކަމަށް ސުޒެއިން ބުންޏެވެ.

އެހެންކަމުން ދެން ހުރި މެޗުތަކަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށާއި، މާޒިޔާގެ ކުޅުމަށް ބަލާއިރު ވަރަށް ސީރިއަސްކޮށް ނިއުރޭޑިއަންޓުން މާޒިޔާއާއި ދެކޮޅަށް ނިކުންނަ މެޗަށް ތައްޔާރުވާން ޖެހޭނެ ކަމަށް ސުޒެއިން ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޕޮއިންޓް ތާވަލަށް ބަލާއިރު ނިއު އޮތީ 17 ޕޮއިންޓާއެކު 3 ވަނައިގައެވެ. އެންމެ ޕޮއިންޓެއްގެ ފަރަގުން އޮޑި އޮތީ ތާވަލުގެ ދެވަނައިގައެވެ.

އޮޑިއާއި ދެކޮޅަށް ނިކުތް މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދިމާވި މައްސަލައަކީ އަނިޔާގައި ތިބި ކުޅުންތެރިންގެ ބަދަލުގައި ކުޅުންތެރިން ނެތުން ކަމަށްވެސް ސުޒެއިން ބުންޏެވެ.

1-0 ގެ ނަތީޖާއަކުން އޮޑިއަތުން ބަލިވި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސުޒެއިން ބުނީ މިކަހަލަ މެޗެއްގައި އެންމެ "ކޮލިޓީ" ކުޅުންތެރިން އަނިޔާގައި ތިބުމަކީ ނިއުރޭޑިއަންޓް ކަހަލަ ޓީމަކަށް އެކަމުގެ އަސަރު ވަރަށް ބޮޑުވާނެ ކަމެއްކަމަށާއި، ތަޖުރިބާކާރު ގިނަ ކުޅުންތެރިންގެ ރިޕްލޭސްމެންޓެއް އެ ކުލަބުގައި ނެތްކަމަށެވެ.

"އަޅުގަނޑު ކުރިން ފާހަގަ ކުރިހެން ގިނަ ޓީމުތަކަކީ އެސްޓަބްލިޝްވެފައި ހުރި ޓީމުތައް. ނިއުރޭޑިއަންޓް ހަމަ މަޑުމަޑުން އެކި ތަންތަނުން ކުޅުންތެރިން ހޯދައިގެން ބިނާކުރެވޭތޯ ބަލާ ޓީމެއް މީ. މީގަ މި ފެންނަ އެއްޗަކީ މިސާލަކަށް އެންމެ ކޮލިޓީ ކުޅުންތެރިން އިނޖަރީ އުޅެންޏާއި ނިއުރޭޑިއަންޓް ކަހަލަ ޓީމެއް މިކަހަލަ މެޗުތަކުގައި ސަފަރ ކުރާނެ. އެއީ އޭގެ ރިޕްލޭސްމަންޓެއް ނުހުންނާނެ ގިނަ ކުޅުންތެރިންގެ" ސުޒެއިން ބުންޏެވެ.

ސުޒެއިން ބުނީ ސާގިބު އަދި އިރުފާން (އިރޭ) ކަހަލަ ކުޅުންތެރިންގެ ކުޅުން މިހާތަނަށް ފެނިފައި ހުރި ގޮތަށް ބަލާއިރު އެއީ ރިޕްލޭސް ކުރަން އުނދަގޫވެދާނެ ކަހަލަ ކުޅުންތެރިން ކަމަށެވެ. ޕާކިސްތާނުގެ ކީޕަރު ސާގިބު އަނިޔާގައި ހުރުމުގެ ސަބަބުން އެ މެޗުގައި ކުޅެފައިނުވާއިރު ނިއުގެ މުހައްމަދު އިރުފާނަށް އަނިޔާވީ ގައުމީ ޓީމުން ޕިލިޕީންސްއާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައެވެ.

ކޯޗު ސުޒެއިން ބުނީ އޮޑިއާ ދެކޮޅަށް ކުޅުނު މެޗުގައި ސާގިބު އަދި އިރުފާނުގެ ބަދަލަށް ކުޅެން އެރުވި ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށާއި، އެ ކުޅުންތެރިންވެސް ވަރަށް މަސައްކަތް ކުރިތަން ފެނުނު ކަމަށެވެ.

"އެކަމަކު އެހާ ފަސޭހަކަމެއް ނޫން އިރޭމެން ރިޕްލޭސް ކުރުމަކީ. އެތަން ދެން ވަރަށް ބޮޑަށް ފެނިގެން ދިޔަ ސާގިބުވެސް ހާއްސަކޮށް ހަމަ ދެމެޗު ކުޅެފަ މި މެޗު ނުކުޅެވި އެދިޔައީ" ސުޒެއިން ބުންޏެވެ.

ބައިކޮޅަށް ވަން ގޯލަށް ބަލާއިރު އެއީ ވަރަށް އާދައިގެ ގޯލެއް ކަމަށާއި، އެހެން ދިމާވީ ޖުމުލަކޮށް ބަލާއިރު ބަދަލުކުރާނެ ރަނގަޅު ކުޅުންތެރިން ނެތި އެ މެޗުގައި ކުޅެން ޖެހުމުން ކަމަށްވެސް ސުޒެއިން ފާހަގަކުރިއެވެ.