ޚަބަރު

އަންހެނުންނަށް ކުރާ އަނިޔާ ކަންބޮޑުވާ ދަރަޖައެއްގައި!


  • މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 342 މައްސަލަ ވަނީ ހުށަހަޅާފައި

އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ފެންނަމުން އަންނަ މައްސަލަތަކެކެވެ. ވަކިން ޚާއްސަކޮށް ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ އަނިޔާތަކަކީ ދުނިޔޭގެ ނިސްބަތުންވެސް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާ މައްސަލަތަކެކެވެ. އެހެންކަމުން، ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަޑު ހަރުކޮށް ދަނީ ގޮވާލަމުންނެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައިވެސް ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއަށް އާންމުން ހޭލުންތެރިކޮށް، މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، މި މައްސަލަތައް މަދުކުރުމަށާއި މިކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގިނަމަވެސް މިފަދަ މައްސަލަތައް މަދުވާ މަންޒަރު ފެންނަން ނެތުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު އެކި ގޮތްގޮތަށް އަންހެނުންނަށް ކުރާ އަނިޔާގެ 453 މައްސަލައެއް ހުށަހެޅިފައިވާ އިރު، 2023 ވަނަ އަހަރު މިބާވަތުގެ 431 މައްސަލައެއް އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. އަދި 2024 ވަނަ އަހަރު 436 މައްސަލަ ހުށަހެޅިފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 342 މައްސަލަ އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި އެންމެ އާންމުކޮށް ފާހަގަކުރެވިފައިވަނީ ފިރިމީހާ ނުވަތަ ޕާޓްނަރުގެ ފަރާތުން ޖިސްމާނީގޮތުން އަދި ނަފްސާނީ ގޮތުން ލިބޭ އެކި އަނިޔާތަކާއި، ޖިންސީ ގޮތުން ކުރާ އަނިޔާގެ އިތުރުން ބްލެކްމެއިލް ކުރުމާއި، އިހުމާލުވުމުން ފަދަ ކަންކަމެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުންނާއި އަންހެނުން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އެއްދުވަހުން އަނެއް ދުވަހަށް މިދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ޓެކްނޮލޮޖީގެ ވަޞީލަތްތައް މެދުވެރިކޮށް ކުރާ އަނިޔާއަށް ހޭލުންތެރިކޮށް އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެވެ.

ޑިޖިޓަލް ވަޔަލަންސްގެ ތެރޭގައި ހިމެނޭ ކަންތައްތައް:

• އޮންލައިންކޮށް ފުރައްސާރަކުރުން
• ޓެކްނޮލޮޖީގެ ޑިވައިސްމެދުވެރިކޮށް ފާރަލުން
• އެހެންމީހުންކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުން
• މީހުންގެ ފޮޓޯތައް އޭ.އައި މެދުވެރިކޮށް ޑީޕް ފޭކް ހެދުން
• ބްލެކްމެއިމްކުރުން
• މީހުންނާއި މެދު ނަފްރަތް އުފެއްދުމަށް އޮންލައިންގެ ޛަރީއާއިން ވާހަކަ ފެތުރުން
• ހުއްދަނެތި ޒާތީ ފޮޓޯ އިންޓަރނެޓްއަށް ލުން
• ބުލީ ނުވަަތަ ހަނގާކުރުން

މިފަދަ އަނިޔާގެ ޝިކާރައަކަށް ވުމުން ސަލާމަތްވުމަށް ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެއެވެ. އެގޮތުން ނޭނގޭ ފަރާތަކުން މުޢާމަލާތްކޮށްފިނަމަ އެފަރާތެއް ބްލޮކް ކުރެވިދާނެއެވެ. އަދި ގޮތް ނޭނގޭ ލިންކްތަކަށް ނުފިއްތުމާއި، އެއްވެސް މީހަކާ އޮންލައިންގެ ޛަރީއާއިން ޒާތީ މަޢުލޫމާތު ހިއްސާނުކުރުމުގެ އިތުރުން ޕަބްލިކް ވައިފައި މެދުވެރިކޮށް އޮންލައިން މެދުވެރިކޮށް ފައިސާގެ މުޢާމަލާތްނުކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން މިފަދަ މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ ތިމާއަށް މި ލިބެނީ އަނިޔާއެއްކަން ދަނެގަނެ، ވީ އެންމެ އަވަހަކަށް އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަދި މިފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޔުނިޓްއަށް 3329237 ނަންބަރު ފޯނުން ރިޕޯޓު ކުރެވޭނެއެވެ. އަދި ހަމަމިއާއެކު، ކުޑަކުއްޖެއްގެ މައްސަލައެއްނަމަ 1412 އަދި ބޮޑެތި މީހުންގެ މައްސަލައެއްނަމަ 1421 އަށް ހުށަހެޅޭނެއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރ މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ އަންހެނުންނަށާއި، އަންހެންކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައެވެ. އަދި މި ދުވަހާ ގުޅުވައިގެން "އޮރެންޖް ދަ ވޯލްޑް" މި ތީމުގެ ދަށުން އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމުގެގޮތުން، "ސިކްސްޓީން ޑޭސް އޮފް އެކްޓިވިޒަމް އެގެއިންސްޓް ޖެންޑަރ ބޭސްޑް ވަޔަލަންސް"ގެ ނަމުގައި 16 ދުވަހުގެ ޚާއްސަ ކެމްޕޭނެއް ކުރިއަށްގެންދެއެވެ.

އަންހެނުންނާ ދެކޮޅަށް ކުރެވޭ އަނިޔާ ހުއްޓުވުމަށް ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ އަންހެނުންނަށް ވީތީ ކުރާ އަނިޔާ ވިޔަނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމެވެ. މިއަހަރު މި ކެމްޕޭނު ކުރިއަށްގެންދާނީ "ޔުނައިޓް ޓު އެންޑް ޑިޖިޓަލް ވަޔަލަންސް އެގެއިންސްޓް އޯލް ވިމެން އެންޑް ގާލްސް" މި ޝިއާރުގެ ދަށުންނެވެ.