އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެ އެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ގައި ކުޅުނު މި މެޗުގެ 13 ވަނަ މިނިޓުގައި އެވަޓަންގެ މިޑްފީލްޑަރ އިދްރީސާ ގޭ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެން އެ ކްލަބުން މެޗުގެ ގިނަވަގުތު ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
އިދްރީސާ ގޭ އަށް ރެފްރީ ރަތް ކާޑު ދައްކާފައިވަނީ އޭނާގެ ކްލަބުގެ ކުޅުންތެރިއެއް ކަމުގައިވާ މައިކަލް ކީން އަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ. މިއީ ފާއިތުވެދިޔަ 25 ވަރަކަށް އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގައި އެއް ޓީމެއްގެ ކުޅުންތެރިއަކަށް ހަމަލާ ދިނުމާއި ގުޅިގެން ރަތް ކާޑެއް ދެއްކި ތިންވަނަ ފަހަރެވެ.
އެންމެ ފަހުން މިފަދަ ގޮތަކަށް ރަތް ކާޑެއް ދައްކާފައިވަނީ 2008 ވަނަ އަހަރު ސްޓޯކް ސިޓީ އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގައި ސްޓޯކް ސިޓީގެ ރިކާޑޯ ފުލާ އަށެވެ. އަދި އޭގެ ކުރިން 2005 ވަނަ އަހަރު އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ވެސް ވަނީ މިފަދަ ރަތް ކާޑެއް ދައްކާފަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ އެވަޓަންގެ ގޯލަށް ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ. މުޅި މެޗުގައި ޖުމްލަ 25 ފުރުސަތެއް ތަނަވަސްކޮށްފައިވާއިރު އޭގެ ތެރެއިން ހަ ހަމަލައެއް ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.
މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 29 ވަނަ މިނިޓުގައި އެވަޓަން އަށް ކާމިޔާބު ކޮށްދީފައިވަނީ ކިއެނާން ޑިއުސްބަރީ-ހޯލްއެވެ.
އެވަޓަން މި މެޗުން މޮޅުވެފައިވާއިރު މިއީ 1992 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގެ މެޗެއްގައި އޯލްޑް ޓްރެފަޑްގައި އެވަޓަން މޮޅުވި ދެވަނަ ފަހަރެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗު ޑޭވިޑް މޯޔެސްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެވަޓަންގެ ގޯލުކީޕަރު އަދި އިންގްލެންޑްގެ އެއް ނަމްބަރ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ، މި މެޗުގައި ޔުނައިޓެޑްގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި މެޗުން އެވަޓަން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ޔުނައިޓެޑް އާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެ ތާވަލުގެ 11 ވަނަ އަށް ޖެހިލައިފައެވެ. ޔުނައިޓެޑް އަށް ލިބިފައިވާ 18 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން އެ ޓީމު އޮތީ 10 ވަނައިގައެވެ.