މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ފެށިގެން މިހާތަނަށް ދިވެހި 200 ސީމަނުންނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ދޫކޮށްފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވަނީ، ފާއިތުވި 2 އަހަރު ހޯދި ކާމިޔާބީތައް ހިމަނާއި ޚާއްސަ ފޮތެއް ނެރެފައެވެ.
ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، 2016 ވަނަ އަހަރުން ފެށިގެން އައި.އެލް.އޯގެ މެރިޓައިމް ލޭބަރ ކޮންވެންޝަނުން ސީމަނުންނަށް ދޫކުރުން ލާޒިމްކުރާ އެސް.އައި.ޑީ 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ދިވެހި ސީމަނުންނަށް ދޫކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން މި ސިނާޢަތުގައި މަސައްކަތް ކުރާ ގިނަ ދިވެހިންނަށް ބޯޓު ދަތުރުކުރާ ލައިނަރތަކުގެ ވަޒީފާތަކަށް ދިއުމުގެ ފުރުޞަތު ގެއްލިފައި އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއެކު މި މައްސަލައަށް ޙައްލެއް ހޯދައިދެއްވާ 2024 ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހުން ފެށިގެން ދިވެހި ސީމަނުންނަށް އައި.އެމް.އޯއާއި އައި.އެލް.އޯ ޤަބޫލުކުރާ ފެންވަރުގެ އެސް.އައި.ޑީ ވަނީ، ދޫކުރަން ފަށާފައެވެ. މިގޮތުން މިހާތަނަށް 200 ސީމަނުންނަށް އެސް.އައި.ޑީ ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދަތުރު ފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މީގެ ސަބަބުން ދިވެހި ސީމަނުންނަށް ރާއްޖެއިން ބޭރުގެ ބޯޓު ފަހަރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެ، އާމްދަނީ ހޯދޭނެ އިތުރު ފުރުޞަތުތައްވެސް ހުޅުވިގެންދާނެ ކަމަށެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ނިއަރ ކޯސްޓަލް އޭރިޔާގައި ދަތުރުކުރާ އާގު ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުންނަށް ފުރުޞަތު އިތުރުކޮށް ކުރިއަށް ދެވޭނެ ގޮތް ހޯދައި ދިނުމަށްޓަކައި ސެޓްފިކެޓް އޮފް ކޮމްޕިޓެންސީވެސް ދޫކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ބަދަލުގެ ތެރެއިން ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަންސް އަދި ސެޓްފިކެޓް 3އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އޯރަލް އިމްތިހާނަށްފަހު ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެގޮތުން މި ފުރުޞަތުގެ ދަށުން މިދިޔަ 2 އަހަރުގެ ތެރޭގައި 14 ޑެކް ސީއޯއީ ސެޓްފިކެޓް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ފުރުޞަތު ހުޅުވާލުމުން ކޯސްޓަލް ބަނދަރުތަކަށް ދަތުރުކުރާ ބޯޓު ފަހަރުގެ އޮފިސަރުންގެ ވަޒީފާގެ ފުރުޞަތުތައް ދިވެހި ސީމަނުންނަށް ލިބޭނެ ކަމަށްވެސް ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
"ސިޑް"އަކީ، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ޤަބޫލުކުރާ ފެންވަރުގެ ލިޔުމެކެވެ. މީގެކުރިން "ސިޑް" ނެތުމުގެ ސަބަބުން ދިވެހި ސީމަނުންނަށް ވަނީ، ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ބައެއް ޤައުމުތަކުން ވަނީ، "ސިޑް" ނެތުމުގެ ސަބަބުން ދިވެހި ސީމަނުން އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައެވެ. އަދި ބައެއް ޙާލަތްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާވެސް ކޮށްފައިވެއެވެ. މީގެއިތުރުން "ސިޑް" ނެތުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ފަހުކޮޅު ސީމަނުން ރެކްރޫޓް ކުރާ ކުންފުނިތަކުން ދިވެހިންނަށް ވަޒީފާ ދިނުން ހުއްޓާލާފައިވާއިރު، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ.
ނެތެމުން ދިޔަ މި ސިނާޢަތަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތްޕުޅުން މިއަދު މިވަނީ މި ސިނާޢަތަށް އަލުން ދިރުމެއް ގެނެސްދީފައެވެ.