ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖު ކުރުމަކީ، ސަރުކާރުތަކުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ. ނަމަވެސް ޙަޤީޤަތަކީ، މިކަމަށް ބޭނުންވާ ވަޞީލަތްތަކާއި ތަމްރީންތައް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އަދި ފޯރުކޮށްދެވިފައިނުވާ ކަމެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ރާއްޖޭގެ ބައެއް ރަށްރަށުގައި ވަރަށް ކާމިޔާބުކަމާއެކު މިހާރު ކުރިއަށްދާ ކަމެވެ. މި ރަށްރަށުގައި ތަޣައްޔަރުވުން ސަލާމަތްވެފައިވާ މޫދަކާއި، ސާފުތާހިރު ގޮނޑުދޮށްތަކާއި މަގުތައް ހުރެއެވެ.
މިހާހިސާބުން ސުވާލު އުފެދެނީ، ކުނި މެނޭޖު ކުރުމުގެ މަސައްކަތުގައި މިފަދަ ކާމިޔާބެއް މި ރަށްރަށުން ހޯދީ ކިހިނެއް ކަމާމެދުގައެވެ. މި ސުވާލަށް އޮތީ، ކުރު ޖަވާބެކެވެ. ލާމަރުކަޒީ ނިޒާމުގެ ރިވެތި އުޞޫލުގެ ތެރެއިން ކައުންސިލްތަކުން ދެއްކި ނަމޫނާއާއި ކައުންސިލްތަކަށް ރައްޔިތުން ދިން ފުރިހަމަ އެއްބާރުލުމެވެ. ކުނި މެނޭޖު ކުރުމަށް ދާއިމީ ޙައްލެއް ހޯދި ރަށްރަށުން ވަނީ، ހައްދުންމަތީ ގަމުގައި މިހާރު ކުރިއަށްދާ "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025"ގައި އެމީހުންގެ ކާމިޔާބީ ވާހަކަތައް ޙިއްސާކޮށްފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތުގައި ކާމިޔާބު ހޯދި އެއް ރަށަކީ، ނ. ކުޑަފަރިއެވެ. ކުޑަފަރީ ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން އެ ރަށު ކައުންސިލްގެ ރައީސް ޢަލީ ޝަމީމް މުޙައްމަދު ވިދާޅުވީ، ކުރިން ކުޑަފަރީގައިވެސް ފުނި ފުންޏަށް ކުނި އަންދަމުން ދިޔަ ކަމަށެވެ. މިގޮތަށް ކުނި އަންދަމުން ދަނިކޮށް، 2017 ވަނަ އަހަރު ނ. ވަންދޫގައި ވެމްކޯގެ ޚިދުމަތް ފެށުމުން، ކުނި އެންދުން ހުއްޓާލައި ވަންދޫއަށް ކުނި ގެންދަން ފެށި ކަމަށެވެ. ނަމަވެސް، އަނެއްކާވެސް ވަރަށް ބޮޑަށް ކުނި އިތުރުވިކަމަށް ޝަމީމް ވިދާޅުވިއެވެ. އެހާ ހިސާބުން ފެށިގެން ކުނި ވަކި ކޮށްގެން، ފައިދާވާނެ ކޮންމެވެސް ކަމެއް ކުރަން ޖެހޭކަން ދެނެގަނެވުނުކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
"ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރެވުނު. ރައްޔިތުންނާއެކު މަޝްވަރާ ކޮށްގެން ޙައްލު ހޯދަން މަސައްކަތް ކުރަން ފެށުނީ. ހެދިފައި ހުރި ގައިޑްލައިންތައް މުރާޖަޢާ ކުރިން. ކޮންމެ މީހަކު ގެނެސްގެން ޕްލޭން އެކުލަވާލީ ސެގްރިގޭޓް ކުރެވޭތޯ ބަލަން ވެގެން." ކައުންސިލް ރައީސް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، އަލަށް ކޮންމެ ގެއަކުންވެސް ކުނި ވަކިކުރަން ފެށުންވީ ރައްޔިތުންނަށް އުނދަގޫވި އަދި ތަންފީޒުކުރަން އުނދަގޫ ކަމަކަށް ކަމަށެވެ. ނަމަވެސް ކޮންމެ ގެއަކުންވެސް އެކަކު ކުނި ވަކިކުރުމަށް އަހުލުވެރިކޮށް، ކުނި ވަކިނުކޮށްފިނަމަ ކުނި މެނޭޖު ކުރުމުގައި ދިމާވާ ދަތިތަކާއި މެދު ރައްޔިތުން އަހުލުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ކުނި ވަކި ކުރުމުގެ އާދަ މުޅި ރަށުގައި އަށަގެންނެވުނީ ކަމަށް ޝަމީމް ވިދާޅުވިއެވެ.
"ވެމްކޯއާއެކު މަސައްކަތްކުރީ، ކުނި ގޮނޑު ހުސްކުރަން. އެކަމަކު އެއްބައި ކުނި ގަސްދުގައި ހަމަ ބެހެއްޓީ. އަޅުގަނޑުމެން ދައްކަން ބޭނުންވީ، ސެގްރިގޭޓް ނުކޮށްފިއްޔާ ވާ ގޮތް ރައްޔިތުންނަށް. އެހެންވީމަ ދެތިން ދުވަސް ވަންދެން އަޅުގަނޑުމެން އެންމެން މަސައްކަތް ކުރީ ސެގްރިގޭޓްގެ މަސައްކަތް." ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ކުނި ވަކި ކޮށްގެން ކައުންސިލް މެދުވެރިކޮށް، ގޭގެއިން ކުނި ނަގަން ފެށުމުން ކުނި މެނޭޖު ކުރުމުގެ މަސައްކަތަށް ދެމެހެއްޓެނިވި ޙައްލެއް ލިބުނު ކަމަށެވެ.
"އެއް އަހަރުގެ ތެރޭގައި 16 ޓަނުގެ އެއްޗެހި ބެއިލްކޮށް ކޮމްޕެކްޓްކޮށް ގުދަނެއްގައި ސްޓޯކޮށް ރައްކާތެރި ކުރެވުނީ. ފަތްކުނި އަދި އޯގަނިކް ވޭސްޓުންވެސް ކާދު އުފެއްދުމުގެ މަސައްކަތް ފެށިގެން ދިޔައީ." ކައުންސިލް ރައީސް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، ކޮންމެ ގެއަކުން ފީގެ ގޮތުގައި ނަގަނީ 150 ރުފިޔާ ކަމަށާއި، އާމްދަނީގެ ގޮތުގައި ދަށް އަދަދެއްގެ ފައިސާ ލިބުނު ނަމަވެސް، މި މަސައްކަތުގެ ސަބަބުން ރަށު ތެރެ ސާފުވެ، ބަލިތަކުން ސަލާމަތްވެފައިވާ ސާފުތާހިރު މުޖުތަމަޢެއް ޤާއިމުކުރެވުނު ކަމަށެވެ.
ކުނި މެނޭޖު ކުރުމުގައި ބޮޑު ކާމިޔާބެއް ހޯދި އަނެއް ރަށަކީ، މ. ކޮޅުފުށްޓެވެ. އެރަށުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތާއި ގުޅޭ ތަފުސީލު ޙިއްސާ ކުރައްވަމުން އެރަށު ކައުންސިލް އެގްޒެކެޓިވް ޙަސަން މާހިރު ވިދާޅުވީ، މީގެކުރިން ރައްޔިތުން ވަލާއި މޫދަށް ކުނި އެޅި ނަމަވެސް، މިހާރު ވަކި އުޞޫލެއްގެ ތެރެއިން ކޮންމެ ރަށަކުންވެސް ކުނި ވަކިކޮށްގެން މެނޭޖު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ފުރަތަމަ ރައްޔިތުންނާވެސް މަޝްވަރާ ކުރުމަށްފަހު ވޭސްޓް މެނޭޖްމެންޓް ކޮމިޓީއެއް އުފެއްދީ ރަށުގައި. އެހިސާބުން ވޭސްޓް މެނޭޖްމެންޓް ޕްލޭނެއް ހެދިފައި މިއޮތީ. އެއާއެކު ކުނި ވަކި ކުރުމަށް މުޖުތަމަޢު ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރީ." މާހިރު ވިދާޅުވިއެވެ.
މާހިރު ވިދާޅުވީ، ރައްޔިތުން ހޭލުންތެރި ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އެންމެ އެދެވޭ ނަތީޖާއެއް ލިބުނީ ޝައުޤުވެރިވާނެ ގޮތަށް ހޭލުންތެރި ކުރުމުގެ ވީޑިޔޯތައް ހެދުމަށްފަހު މީސް މީޑިޔާގައި ދައުރުކުރަން ފެށުމުން ކަމަށެވެ.
"މި ވީޑިޔޯތަކުގެ ވާހަކަތައް ދެއްކެން ފެށީ. ހޮޓާތަކާއި ހުރިހާ ތަނެއްގައި މި ވާހަކަ ދައްކަން ފަށައިފި. ދެން ސްކޫލުގެ ދަރިވަރުންނާއި ޒުވާނުން ގުޅިގެން މަސައްކަތް ފެށީ. ގޭގެއަށް މަޢުލޫމާތު ހިއްސާކުރީ. ކުންޏާއި ބެހޭ މަޝްވަރާ ބައްދަލުވުންތައްވެސް ބޭއްވިން." މާހިރު ވިދާޅުވިއެވެ.
މާޙިރު ވިދާޅުވީ، ގޭގެއިން ކުނި ނަގަނީ އަމިއްލަ ފަރާތަކަށް ކައުންސިލުން އައުޓް ސޯސް ކޮށްގެން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ބަދިގެ ކުނި ނަގާއިރު، އެހެނިހެން ކުނި ހުކުރު ނޫން ކޮންމެ ދުވަހެއްގައި ނަގާ ކަމަށާއި، މި ޚިދުމަތަށް ރަށުގެ ހުރިހާ ގެއެއް މިހާރު ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ޒަމާނީ މެޝިނަރީއާއެކު ކުނި ކޮމްޕެކްޓްކޮށް، ބޭލު އުފައްދައި، ގަސް ކާނާވެސް އުފައްދަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢާންމުން މޯޓިވޭޓް ކުރުމަށް 30 ލީޓަރުގެ ދެ ޑަސްބިން ކޮންމެ ގެއަކަށް ހަދިޔާކުރީ. އަމިއްލަ ފަރާތެއް ކުނި ނެގުމުގެ ޚިދުމަތް ދޭނީ. ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ތިބޭނެ ކައުންސިލްގެ 6 މުވައްޒަފުން. ރަށުގައި ގަސް ހެއްދުމަށް އެތަނުން އުފައްދާ ގަސް ކާނާ އެ ބޭނުންކުރަނީ." މާހިރު ވިދާޅުވިއެވެ.
ކޮޅުފުށްޓާއި، ކުޑަފަރީގެ އިތުރުންވެސް ކާމިޔާބުކަމާއެކު ކުނި މެނޭޖުކުރާ ރަށްރަށް އެބަހުއްޓެވެ. އެ ރަށްރަށުން ދަނީ، ގަސް ކާނާގެ އިތުރުން ދަގަނޑުގެ އެކި ބާވަތްތަކުގެ ބޭނުން ހިފައި، އެތަކެތި ވިއްކޭނެ ގޮތްތައް ހޯދަމުންނެވެ. މިއީ، ލާމަރުކަޒީ ނިޒާމުން ލިބިދިން ބާރާއި، މިނިވަންކަން ބޭނުން ކޮށްގެން ކައުންސިލްތަކުން އިސްނަގައިގެން ޚިދުމަތްތައް ފަށައި ފައިދާ ހުރި ކަންކަމަށް ރައްޔިތުން އަހުލުވެރި ކުރުމަށް ކޮށްފައިވާ ނަމޫނާ މަސައްކަތްތަކެކެވެ.