ރަސްމާލެ ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ.
މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުތައް ފެށުމަށް ނިންމަވާފައިވާ ރަސްމާލެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް އަންނަ މަހުގެ ތެރޭގައި ބޮޑު ޑްރެޖަރެއް އަންނާނެކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ޑްރެޖަރުތަކަށްވުރެ ބޮޑު ޑްރެޖަރަކާއެކު ބިން ހިއްކުމުގެ މަސައްކަތް އަވަސްވާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވަގުތުވެސް 3 ސަރަޙައްދަކުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަސް ނުވަތަ އޭޕްރީލް މަހާއި ހަމައަށް ނިންމޭނެކަމަށެވެ.
"ރަސްމާލެ ހިއްކާ ނިމޭނެ އަންނަ މާރިޗު ނުވަތަ އޭޕްރީލް މަހާހިސާބަށް، އެއީ ހުޅުމާލެއަށްވުރެ ތިންގުނަ ބޮޑު ސަރަޙައްދެއް. ޖުމްލަ 25000 ގޯތިދޫކުރުމަށް ނިންމާފައިވަނީ. ފުރަތަމަ ބުރުގައި 15000 މިހާރުވާނީ ޢިއުލާން ކުރެވިފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ބިން ހިއްކާ ނިމޭއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެކަމަށެވެ. އެކަމަށްޓަކައި އުސޫލުގެ ތެރެއިން މިހާރުވެސް މިމަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރީގެ ސަރުކާރުން ގޯތިތައް ދީފައި ހުރި ތަންތަނަކީ ނުހިއްކާ ހުރި ތަންތަންކަމަށާއި މިތަންތަން ހިއްކުމުގެ މަސައްކަތް މިސަރުކާރުން ފަށައިގެން ކުރިއަށްދާ ކަމަށެވެ. މިތަންތަން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރު ގެނެސްފައިވާ ކަމަށާއި އެޑްރެޖަރު ބޭނުންކޮށްގެން ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި، އަންނަމަހުގެ ނިއަލަށް ފޭސް ތިނެއްގެ ފުލް ސްކޯޕްގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިމުމުން ގިރާވަރު ފަޅުގެ މަސައްކަތް ފަށައި މިމަސައްކަތްވެސް ދެމަހެއްހާ ދުވަސް ތެރޭގައި ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ވިދާޅުވީ، ރަސްމާލޭގެ މާސްޓަރޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ބޭރުގެ ކޮންސަލްޓަންޓަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް އެމަސައްކަތްކުރުމަށްވެސް މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލައަށް ހައްލެއް ގެނުވާނެ މަޝްރޫޢަކީ، ރަސްމާލެ މަޝްރޫޢުކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ޖުމްލަ 25000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބުރުގައި ސަރުކާރުންވަނީ ރަސްމާލެއިން 15000 ގޯތިދޫކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރައްވާފައެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ ފްލެޓްތައް ލިބިފައިވާ ފަރާތްތައް އެތަނަށް ވެއްދުމަށްޓކައި ކުރަން ޖެހޭ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައު ފުލެޓުތަކުގެ ހުރިހާ ޓަވަރަކަށްވެސް ދިރާސީ އައު އަހަރު ފެށޭއިރަށް މީހުންނަށް ވަދެވޭނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވިގޮތަށް ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށް ހަމައެގޮތަށް ފްލެޓާއި ގޯތި ލިބޭނެކަމަށާއި އެކަން އެގޮތަށް ކުރައްވަމުން ގެންދަވާކަމަށެވެ.