ކުޅިވަރު

މިއީ މިހާތަނަށް ބުރުން ދެއްކި އެންމެ ދަށް ކުޅުން: ނިޒާމް


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ހޯމަ ދުވަހު 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މައްޗަށް ބުރު ސްޕޯޓްސް ކުލަބަށް ކުރި ހޯދުނު ނަމަވެސް އެދުވަހުގެ މެޗުގައި ފެނުނީ މިހާތަނަށް ލީގުގައި ބުރުން ދެއްކި އެންމެ ދަށް ކުޅުންކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު 10 މިނެޓު ތެރޭގައި ޖެހި ދެ ލަނޑާއެކު 11 ޕޮއިންޓް ހޯދާ ތާވަލުގެ ފަސްވަނައަށް ޖެހިލި މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ނިޒާމް ބުނީ މެޗާ ދޭތެރޭ އޭނާ ހިތްހަމަނުޖެހޭކަމަށެވެ. އޭނާ ދެކޭގޮތުގައި މިއީ މުޅި ސީޒަނުގައިވެސް ބުރުން ދެއްކި އެންމެ ދަށްކުޅުމަށްވާއިރު ކުރިއަށް އޮތްތަނުގައި އެޓީމުން ގިނަ ކަންތައްތަކެއް ރަނގަޅުކުރަންޖެހޭކަމަށް އޭނާ ފާހަގަކުރިއެވެ.

"ކުޅުން މިދިޔައީ ވަރަށް ދަށްކޮށް. މިއީ މިސީޒަނުގައިވެސް ބުރު ކުޅުނު އެންމެ ދަށް ދުވަހޭވެސް ބުނެވިދާނެ. އެހާވެސް ދަށްކޮށް މިދިޔައީ" ނިޒާމް ބުންޏެވެ.

މެޗަށް ނުކުތީ ތިން ޕޮއިންޓަށް އަމާޒުކޮށްގެންކަމަށާއި، ބުރު ނިންމަން ދާއިރު މި ތިން ޕޮއިންޓުގެ މުހިންމުކަން ވަރަށް ބޮޑުކަމަށް އޭނާ ބުންޏެވެ. ބުރަށްވެސް ދިމާވާ މައްސަލައަކީ ކުޅުންތެރިން ހަމަނުވުމުގެ މައްސަލަކަން ނިޒާމް ވަނީ ފާހަގަކޮށްފައެވެ.

"މިހާރު މި ވާގޮތަކީ އަތޮޅުތެރޭގަ އޮންނަ މުބާރާތަށް ނައްޓާލަފާނެ، ފުޓްސަލްއަށް ނައްޓާލަފާނެ، ދެން އޮފީހޭ ބުނީމަ ނޯވޭ ހިފެހެއްޓޭކަށް މިތާކު. އަދިއެއް ނެތް މިކަންކަން ސްޓޮޕްކޮށްގެން މިކަން ހިފެހެއްޓޭކަށް" ނިޒާމް ބުންޏެވެ.

ނިޒާމްބުނީ ރާއްޖޭގެ ފުޓްބޯޅަ ހަމައަކަށް އެޅެން އަދި ދުވަސް ނަގާނެކަމަށެވެ. ފުޓްބޯޅަ ނުކުޅެ ދިގުލައިގެން ދިއުމާއި ގުޅިގެން ކުޅުންތެރިން ބަރޯސާވެގެން ތިބީ ފުޓްސަލްއިން ލިބޭ އާމްދަނީއަށްކަމަށާއި ފުޓްބޯޅައަށް ކުޅުންތެރިން ސީރިއަސްވާން ވަގުތު ނަގާނެކަމަށް ގަބޫލުކުރަންޖެހޭކަމަށެވެ.

"ގަބޫލުކުރެވެނީ މިކަމަށް ވަގުތު ނަގާނެކަމަށް، ކުޅުންތެރިން ސީރިއަސްވެ ކަންތައްތައްވާން ވަގުތު ނަގާނެކަމަށް. ދެން އެމީހުންނަށް ބަރާބަރަށް މީގެން ލިބެން ޖެހޭ އެއްޗެއް ލިބި، ދެ އަހަރެއްވަރު ލީގު ރަނގަޅަށް ގޮސްގެން ނޫނީ އުނދަގުވާނެ" ނިޒާމް ބުނެފަވެއެވެ.

ބްރޭކަށްފަހު ލީގުގެ ކުޅުން ފެށި އިރު މިމައްސަލަ ގިނަ ޓީމުތަކަކަށް ދިމާވެފައިވާކަމަށާ މިކަމުގައި ކުޅުންތެރިން ކުށްވެރިނުކުރާނެކަމަށް ނިޒާމް ބުންޏެވެ. ފާއިތުވެ ދިޔަ ދެ އަހަރަކީ ފުޓްބޯޅައިން އެއްވެސް ވަރެއްގެ އާމްދަނީއެއް ލިބުނު އަހަރުތަކަކަށް ނުވާއިރު އަދާކުރާ ވަޒީފާއާއި ފުޓްސަލް މުބާރާތްތަކަށް ކުޅުންތެރިން ބަރޯސާވާންޖެހުމަކީ މިމައްސަލައިގެ އަސްލުކަމަށް ނިޒާމް ބުންޏެވެ.

ކުރިއަށް އޮތްތަނުގައި ބުރު ސްޕޯޓްސް ކުލަބަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށްވެސް ނިޒާމް ވަނީ ފާހަގަކޮށްފައެވެ. އެމަސައްކަތް މިހާރު ކުރެވެމުންދާކަމަށް އޭނާ ވބުންޏެވެ.

"ގެންނަންޖެހޭ، ބަދަލު ގެންނަން ވާހަކަދައްކަމުން މިދަނީ މެނޭޖްމަންޓާއި ޓެކްނިކަލް ސްޓާފުންނާ އިށީނދެ ހަމަ ޑިސްކަސްކުރަމުން މިދަނީ ގެންނާނެ ބަދަލުތަކާއި ހަދާނެ ގޮތްތަކާ. ޓްރާސްފަރގަ އެޑްވާންޓޭޖް ނަގަންޖެހޭނެ" ނިޒާމް ބުންޏެވެ.

ލީގުގެ ޕޮއިންޓު ތާވަލަށް ބަލާއިރު ބުރު ސްޕޯޓްސް ވަނީ ކުޅުނު 8 މެޗުން 11 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ބުރު ސްޕޯޓްސް ނުކުންނާނީ 7 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގަ އޮތް ވެލެންސިއާއާ ދެކޮޅަށެވެ.