ޓީމަށް ލިބޭ ކޮންމެ މޮޅަކީ އިތުބާރެއްކަމަށާއި އެކަމުގެ ފައިދާ ކުޅުންތެރިން ނަގާނެކަމަށް އުންމީދުކުރާކަމަށް ކުލަބު އީގަލްސްގެ އެސިސްޓެންޓް ކޯޗު ޢަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ކުލަބް ވެލެންސިޔާ ބަލިކޮށް ކުލަބު އިގަލްސްއިން ހަތަރު ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހަނީފް ބުނީ ނަތީޖާތަކަށް ބަލާނަމަ ޓީމަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފެންނަކަމަށެވެ. ޓީމުގެ ފަރާތުން މިހާރު ފެންނަނީ ކަމަށް ކަމޭހިތައިގެން ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކާ މަންޒަރުކަމަށް އޭނާ ފާހަގަކުރިއެވެ.
"ދެން މިހާރު ރިޒަލްޓަށް ބަލަންޏާ ބުނެވޭނީ އެބަ ފެނެޔޭ ޓީމަށް ބަދަލުތަކެއް އައި ތަން. ދެން މީގަ ހަމަ ކުޅުންތެރިން ބޭނުންވެގެން މިކަންތައް ކޮށްލަންވެގެން ބޭނުންވީމަ އެމީހުންނަށް ބޭނުންވާ މޯޓިވޭޝަންތައް ދޭން ޖެހެނީ. އެބަފެނޭ ކުޅުންތެރިންގެ މަސައްކަތާ އެއްޗެހި ވަރަށް ރަނގަޅަށް ކުރާތަން" ހަނީފް ބުންޏެވެ.
އީގަލްސްގެ ކުޅުންތެރިންނަށް ތައުރީފްކުރަމުން ކޯޗުބުނީ އެޓީމުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެޓީމުގެ ހިތްވަރުގަދަ ކުޅުންތެރިންކަމަށެވެ. އަދި އެޓީމުގެ ޒުވާން ކުޅުންތެރިންނަކީ ހުނަރުވެރި މުސްތަގުބަލު އޮތް ކުޅުންތެރިންތަކެއްކަމަށް އޭނާ ބުންޏެވެ. ހަނީފް ބުނީ ފުޓްބޯޅަ ކުރިއެރުވުމަށް އެކަޑަމީތައް އައިސް ޒުވާން ކުޅުންތެރިން އުފައްދަމުންދާ ކަމަށެވެ. އެހެންކަމުން ޓީމުގެ ޒުވާން ކުޅުންތެރިންނަށް މެޗުތަކުން ފުރުސަތު ހޯދައިދީ އެކުދިން ތަރައްޤީ ކުރަންޖެހޭކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ކޮންމެ މެޗެއްގައި ވެސް ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދޭކަމަށާއި، އޭގެ ބޭނުން އެކުދިން ވަރަށް ރަނގަޅަށް ހިފާ ކަމަށް ހަނީފް ބުންޏެވެ.
"ޒުވާން ކުޅުންތެރިންނަކީ ކޮންމެ ގޮތެއްވިޔަސް ފިއުޗަރ، އެކުޅުންތެރިން އެބަ މަސައްކަތްކުރޭ. އެހެންވީމަ އެކުދިންނަށް އެބަޖެހޭ އިތުބާރުކޮށްފަ ޗާންސް ދޭން. މޮޅެތި ކުޅުންތެރިން އެއީ" ހަނީފް ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗަށް އީގަލްސްއިން ނުކުންނަން ތައްޔާރުވާއިރު މިހާތަނަށް ޓީމަށް ލިބިފައިވާ ކޮންމެ މޮޅަކީވެސް ޓީމަށް ލިބޭނެ އިތުރު އިތުބާރެއްކަމަށް ހަނީފް ބުންޏެވެ. އިތުރަށް ހަނީފް ބުނީ ލިބޭ އިތުބާރުގެ ފައިދާ ކުޅުންތެރިން ހެޔޮ ގޮތުގައި ހޯދާނެ ކަމަށް އުންމީދުކުރާކަމަށެވެ. މިހާތަނަށް ޓީމުގެ ކުޅުމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށާއި، ޓީމުން ހޯދާ ކާމިޔާބީތަކުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑު ކޮންފިޑެންސެއް ލިބޭކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ކޮންމެ މެޗެއްވެސް ތަފާތުވާނެކަމަށާއި، އެދުވަހެއްގެ މެޗެއްގައި ކުޅުންތެރިން ދައްކާ ހިތްވަރަކީ، ނަތީޖާ އަނބުރާލުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންތައްކަމަށް އޭނާ ފާހަގަކުރިއެވެ.
"ކޮންމެ މެޗަކީވެސް ތަފާތު މެޗެއް. ތަފާތު ގޮތަކަށް ކުޅޭ ޓީމަކާ ދިމާވާނީ. އެހެންވީމަ އޭގައި އޮތީ އެދުވަހެއްގެ މެޗުގަ ކުރާ މަސައްކަތަކުން ލިބޭ ކާމިޔާބު" ހަނީފް ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗަށް އީގަލްސްއިން ނުކުންނާނީ ހުކުރުދުވަހުގެ ރޭ ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ވިކްޓްރީ މިވަގުތު އޮތީ 9 ޕޮއިންޓާއެކު ތާވަލުގެ 8 ވަނައިގައެވެ.