ދުންފަތުގެ އިސްތިމާލު ކުރުން އެއްކޮށް ހުއްޓާލަން ރަށަކުން އެދޭނަމަ، އެކަން ތަންފީޒުކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޞިއްޙީ ވަޒީރު ވިދާޅުވީ ދުންފަތުގެ އިސްތިމާލު ނުކުރާ ރަށްރަށް ކަނޑައަޅާނީ ވަކި ޝަރުތުތަކަކަށް ބެލުމަށް ފަހު ކަމަށެވެ.
ދުންފަތުގެ އިސްތިމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށަށް އިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާ ގުޅޭގޮތުން ރައްޔިތުންގައި މަޖިލީހުގައި ޖަލްސާގައިވަނީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި ސުވާލުކުރައްވާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ މިކަން ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ގޮތް ހިއްސާ ކުރައްވާފައެވެ. އަދި މިކަމަކީ އެއްވެސް މަޖުބޫރު ކަމެއް އޮތް ކަމެއް ނޫން ކަމަށާއި، އެމަސައްކަތް ކުރަންޖެހެނީ އެރަށެއްގެ ރައްޔިތުންނާއި މަޝްވަރާކުރެވިގެން ކައުންސިލްތަކުން އެގޮތަށް ނިންމައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިކަމަކީ ރާއްޖޭގައި އަލަށް ކުރެވޭކަމެއް ނޫންކަން ފާހަގަކުރައްވައި ޞިއްޙީ ވަޒީރު ވިދާޅުވީ މީގެ ކުރިންވެސް މިގޮތަށް ރަށްރަށް ކަނޑައެޅި އެވޯޑުވެސް ދެވިފައިވާ ކަމަށެވެ.
"ފުރަތަމަ ކަމަކަށް، މިއީ އަމިއްލައަށް ކުރާ ކަމެއް. މިކަމަކީ އަދަބެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. ރަށެއްގެ ކައުންސިލުން އެކަމަށް މަސައްކަތް ކުރަން ވިސްނައިގެން އެކަމާއި ގުޅޭގޮތުން ޕްލޭނެއް ހަދައި ތަންފީޒުކުރަން ފުރަތަމަ އަންނަނީ. އޭގެ މާނައަކީ 3 މަރުހަލާއެއް އެބައިން. އެކަން ކުރާނީ ޝައުޤުވެރިވެ ރައްޔިތުންނާއި މަޝްވާރާކޮށް ނިންމައިގެން." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
ރައްޔިތުން އިސްވެ، އެ ރަށަކުން ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލަން ނިންމުމުން އެކަން ކުރިއަށްގެންދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ރައްޔިތުން ނިންމާނީ އެރަށެއްގެ އާންމު އެއްވެސް ތަނެއްގައި ދުންފަތުގެ އިސްތިމާލު ނުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ދެވަނަ މަރުހަލާގައި ދުންފަތުގެ ބާވަތްތަކުން ވިޔަފާރި ކުރުން އެއްކޮށް ހުއްޓާލަން ނިންމާނެ ކަމަށާއި، ތިންވަނަ މަރުހަލާ އަކީ ކުރީގެ ދެ މަރުހަލާ ތަންފީޒުވުމުން ރައްޔިތުން އެއްކޮށް ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ތަންފީޒުކުރުމަށް ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ނާޡިމް ވިދާޅުވީ، މިގޮތަށް ރަށްރަށް ކަނޑައަޅާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. އެގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤައުމުތަކުގައި ބަލިތައް ނައްތާލާފައިވާ ކަމަށް ކަނޑައަޅާ އުސޫލާއި އެއްގޮތަށް މިނިވަން ކޮމެޓީއަކުން ރަށްރަށުގައި މިކަން ތަންފީޒުވާ މިންވަރު އެޗްޕީއޭއާއި ގުޅިގެން ބަލާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަމަކީ އެއްވެސް ހާލަތެއްގައި އެރަށުގައި ދުންފަތުގެ އިސްތިމާލު ކުރާ މީހުން ނެތް ކަމަށް ޔަޤީންކޮށް ކަނޑައަޅައި ނިންމާ ނިންމުމެއް ނޫންކަން ޞިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.
" މިފަދަ އިނާމެއް ދޭން ފެށުމަކީ އަޅުގަނޑު ނޫނީ އެކަމާ ބެހޭ ފަރާތަކުން ސީދާ %100 މި ރަށުގެ އެއްވެސް މީހަކު ދުންފަތުގެ އިސްތިމާލު ނުކުރާނެއޭ ބުނާ ބުނުމެއް ނޫނޭ. އޭގެ މާނައަކީ ކަނޑައެޅޭ މިންގަނޑުތަކުގައި އެތަން ހިފެއްހެޓިފައި ހުރުމޭ. އެ މުޖްތަމަޢަކީ އަޅުގަނޑުމެން ޤަބޫލުކުރާ މިންގަނޑުތަކަށް ފެތޭ ދުންފަތުގެ އިސްތިމާލު ނުކުރާ މުޖްތަމަޢެކޭ." ވަޒީރު ނާޡިމް ވިދާޅުވިއެވެ.
ރަށްރަށުގައި ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލުމަށް ހިތްވަރު ދިނުމަށް، ސަރުކާރުން ޚާއްސަ އިނާޔަތެއް ދެއްވުމަށް ނިންމަވައި އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށްވެސްވަނީ ނިންމަވާފައެވެ.
ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރަފުކުރުމާއި، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަންކަމަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މާސްޓަރ ޕްލޭނެއް އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މި މާސްޓާ ޕްލޭން ތައްޔާރުކުރަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކުއެވެ. މިއީ 5 އަހަރުދުވަހުގެ މާސްޓަރ ޕްލޭނެކެވެ.