އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަރޑްސް ބޯޑު، އައިއޭއެސްބީގެ ޗެއަރ، ޑރ. އަންޑްރެއާސް ބާރކޯ ރާއްޖެއަށް ވަޑައިގެންފިއެވެ.
ޑރ. ބާރކޯ ރާއްޖެ ވަޑައިގެންނެވީ، ޗާޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ 2 ފޯރަމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުގައި ޑރ. ބާރކޯއަށް މަރުޙަބާ ދެންނެވީ، ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމާއި، ނައިބު ރައީސް ޢަލީ ފާރިސް މުޙައްމަދާއި، ބައެއް މެންބަރުންގެ އިތުުރުން އެމްއޭސީއެލްގެ ސީއެފްއޯ އަޙްމަދު އަސަދު ހާޝިމެވެ.
ރާއްޖެ ވަޑައިގަތުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އައިއޭއެސްބީގެ ޗެއަރ، ޑރ. އަންޑްރެއާސް ބާރކޯ ވިދާޅުވީ، މިއީ އައިއޭއެސްބީގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރު ކަމަށާއި، މި ދަތުރުފުޅަކީ ދެ ބައްދަލުވުމެއް ބޭއްވުމުގެ މަޤްސަދުގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އޭގެ ތެރޭގައި ސީ.އޭ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް އިންތިޒާމް ކުރާ އޭޝިއާ-އޯޝަނިކް ސްޓޭންޑަރޑް-ސެޓަރސް ގްރޫޕް ބައްދަލުވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އައިއޭއެސްބީއިން އޭޝިއާގެ ޤައުމުތަކާއި ގުޅުން ބަދަހިކޮށް، އެކައުންޓިންގ ސްޓޭންޑަރޑްތައް ބަލައިގަންނަ ގޮތްތަކާއި، އިތުރަށް ކުރެވޭނެ ކަންކަން ދެނެގަތުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވޭ އަބަދުވެސް. މި ދަތުރުގެ މައިގަނޑު މަޤްޞަދަކީވެސް މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ ތެރެއިން އެކައުންޓިންގ ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރުން." އައިއޭއެސްބީގެ ޗެއަރ، ޑރ. އަންޑްރެއާސް ބާރކޯ ވިދާޅުވިއެވެ.
މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާއި ހަމައަށް ޗާޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބައިނަލްއަޤްވާމީ 2 ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ތެރެއިން އެއް ފޯރަމަކީ، އޭޝިއަން - އޯޝަނިއަން ސްޓޭންޑަރޑް-ސެޓަރސް ގްރޫޕް، އޭއޯއެސްއެސްޖީގެ އަހަރީ ބައްދަލުވުމެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 26 އިން 28 އަށް ވިލާ ނޯޓިކާ މޯލްޑިވްސް ރިޒޯޓުގައެވެ. މި ބައްދަލުވުމުގައި އޭޝިއާ އަދި އޯޝަނިއާގެ ޤައުމުތަކުން ތަމްސީލުކުރާ 40 އަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެކައުންޓިންގ ދާއިރާއަށް އަންނަ ބަދަލުތަކާއި، ސަރަޙައްދީ ފެންވަރުގައި އިސްކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެއެވެ.
އޭއޯއެސްއެސްޖީ ބައްދަލުވުން ނިމުމަށްފަހު، ނޮވެމްބަރު 29 ވަނަ ދުވަހު އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަރޑްސް، އައިއެފްއާރުއެސްގެ އަހަރީ ފޯރަމް ފަށާނެއެވެ. މި ފޯރަމުގައި އެކައުންޓިންގ ސްޓޭންޑަރޑްތައް ކަނޑައަޅާ ބައިނަލްއަޤްވާމީ އިދާރާތަކާއި ލީޑަރުންގެ ތެރެއިން 25 އަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.
ބައިނަލްއަޤްވާމީ މިފަދަ ބޮޑެތި ފޯރަމްތައް ރާއްޖޭގައި ބޭއްވުމަކީ، ސީއޭ މޯލްޑިވްސްއަށް ބައިނަލްއަޤްވާމީ މައިދާނުގައި ލިބޭ އިތުރު ޝަރަފެއް ކަމަށާއި، މިއީ ރާއްޖޭގެ އެކައުންޓިންގ ދާއިރާއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށްވެސް ސީއޭ މޯލްޑިވްސްއިން ވިދާޅުވެއެވެ.