އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ %75 ކައުންސިލް އިމާރާތް އައު ކުރެވޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމުގައި ވަޒީރު ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށާއި ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ވެގެންގޮސްފައިވަނީ ހިކުމަތްތެރިކަމާއެކު ޤައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތުގެ އައްސޭރިއަށް ގެންދެވި ދެ އަހަރަށް ކަމަށެވެ. އަދި މި ދެ އަހަރު ދުވަހު އެމަނިކުފާނު ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި، ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އާރުސީސީއާ ހަވާލުކޮށްފައިވާ 55 ކައުންސިލް އިމާރާތްތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެ ކައުންސިލް އިމާރާތްތައް އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ނިންމާލެވި، ޚިދުމަތް ދޭން ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ކައުންސިލް އިމާރާތްތަކަކީ މަދުވެގެން 36 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށްވެސް ޚިދުމަތް ދެވޭނެ ޖާގަ ހުންނާނެ އިމާރާތްތަކެއް ކަމަށެވެ. މީގެ ސަބަބުން ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ތަސައްވުރެއް އެބައޮތް މުޅި ރާއްޖެވެސް ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެނައުމަށް. މީގެ ތެރޭގައި އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް ކައުންސިލްތަކުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައްވެސް ޑިޖިޓަލްކޮށް، އާންމުން އަތުގައި އޮންނަ މޯބައިލް ފޯނުން ގިނަ ޚިދުމަތްތައް ލިބޭނެ ގޮތަށް ކުރިއަށް އޮތްތަނުގައި ހެދުމަށް. އެކަމަށްޓަކައިވެސް އަޅުގަނޑުމެން މި ކައުންސިލްތައް މިހާރު ފަރުމާކުރެވިގެންދާއިރު އިދާރީ މަސައްކަތް ކުރައްވާ ބޭފުޅުންނަށް ރަނގަޅު މާހައުލެއް އޮންނާނެ ގޮތަކަަށް އަދި ކައުންސިލްތަކުން ރައްޔިތުންނާ ބައްދަލުކުރަން ބޭނުންވާނަމަ ޓައުންހޯލެއްވެސް އޭގެ ތެރޭގައި ހިމެނިގެން މި މަސައްކަތް ކުރިއަށްދަނީ،" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކައުންސިލް އިމާރާތްތަކުގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތްވެސް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން 24 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރިއަށްދާއިރު 7 އިމާރާތެއްގެ މަސައްކަތް ނިމިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ތަރައްގީ ކުރާ އައު ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަންނަ އަހަރު ނިމޭއިރު %75 ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ނިންމައި، ޚިދުމަތްތައް ބަދަލުކުރެވޭނެ ކަމަށެވެ.