ޚަބަރު

"އުތަހި" ޕްލެޓްފޯމާއެކު ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް


  • ޕްލެޓްފޯމް އިފްތިތާޙުކުރީ މަގޭ ސާފު ރާއްޖެ މަހާސިންތާގެ ތެރެއިން

  • ކުނި މެނޭޖުކުރުމުގެ ހަރަކާތްތައް ރާވާ މޮނިޓަރކުރެވޭނެ

  • ކުނި ނަގައި ތާވަލުވެސް ޢާންމުންނަށް ފެންނާނެ

ދިވެހިރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ޑޭޓާބޭސް "އުތަހި" ޕްލެޓްފޯމް އިފްތިތާޙުކޮށްފިއެވެ.

ކުނި މެނޭޖުކުރުމާ ގުޅޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިމަނައިގެން ތައްޔާރުކުރި ޑޭޓާބޭސް އިފްތިތާޙުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒަހީނެވެ. މި ޑޭޓާބޭސް އިފްތިތާޙުކޮށްފައިވަނީ ހައްދުމަތީ ގަމުގައި ކުރިއަށްދިޔަ "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ އުތަހި ޕްލެޓްފޯމުގެ ބޭނުމަކީ ކުނި މެނޭޖުކުރުމާ ގުޅޭ މަޢުލޫމާތު ރިކޯޑުކޮށް ބަލަހައްޓައި، ރިޕޯޓުކުރުން ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން މި ޕްލެޓްފޯމްގެ ތެރޭގައި އެޑްމިން ޕޯޓަލްއަކާއި ވޭސްޓް މެނޭޖްމެންޓް ސިސްޓަމަކާއި ޢާންމު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިޓިޒަން އެޕްލިކޭޝަނެއް ހިމެނޭނެ ކަމަށެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްލެޓްފޯމްގެ މަޤުޞަދަކީ ކުންޏާ ބެހޭ މަޢުލޫމާތު އެއްކުރުމާއި އެކި ފަންތީގައި ކުނި މެނޭޖުކުރުމުގެ ހަރަކާތްތައް ރާވާ މޮނިޓަރކުރުމާއި އެއް ތަނުން އަނެއް ތަނަށް އުފުލޭ ކުނި ހަރުދަނާކަމާއެކު ޓްރެކްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. މި ޕްލެޓްފޯމްގެ އެހީގައި ރާއްޖޭގައި އުފެދޭ ކުންޏާ ބެހޭ މަޢުލޫމާތުތަކާއި ތަފާސްހިސާބުތައް އެއް ތަނަކުން ފެންނަން ހުންނާނެއެވެ. އެގޮތުން ކޮށްޓަށް ގެނެވޭ ކުނީގެ ބާވަތްތަކާއި މިންވަރު ދެނެގަނެވި، ކުނި މެނޭޖުކުރާ މަރުކަޒުތަކުގައި ބޭނުންކުރާ މެޝިނަރީގެ މަޢުލޫމާތު އޭގެ އޮޕަރޭޝަނަލް ސްޓޭޓަސްވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.

ހަމައެއާއެކު ކުނި ކޮށީގައި މެނޭޖުކުރެވޭ ކުނީގެ މިންވަރާއި އެއްތަނުން އަނެއް ތަނަށް އުފުލޭ ކުނީގެ މިންވަރާއި ކުނި ގެނެވޭ އަވަސްމިނާއި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބާވަތްތައް ފެންނަން ހުންނައިރު، ކުނި އުފުލާ އުޅަނދުތަކުގެ ތަފުސީލާއި އުޅަނދު ދަތުރުކުރާ މަގުވެސް ޓްރެކްކުރެވޭނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މައިގަނޑު ތިން ބަޔަކަށް ބަހާލައިގެން ފަރުމާކޮށްފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ކުނި ނަގައި ތާވަލުވެސް ޢާންމުންނަށް ފެންނަން ހުންނާނެއެވެ. އަދި ޢާންމުންނަށް ކުންޏާ ބެހޭ ޝަކުވާތަކާއި މައްސަލަތައްވެސް ރިޕޯޓުކުރުމުގެ މަގުފަހިވާނެއެވެ.

"އުތަހި" ޕްލެޓްފޯމާއެކު ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ދާއިރާއަށް ޚާއްސަ ޑޭޓާބޭސްއެއް އުފެދި، މި ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެވޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.