ޚަބަރު

ސަގާފީ ތަރިކައިގެ ބައްދަލުވުމަކަށް ވަޒީރު އާދަމް ނަޞީރު ޗައިނާއަށް


  • ބައްދަލުވުން ކުރިއަށްދަނީ މިމަހުގެ 26 އިން 29 އަށް ޗައިނާގެ ޗޮންގްޗިންގައި

ސަގާފީ ތަރިކައިގެ ބައްދަލުވުމަކަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ވަޒީރުގެ މިދަތުރުފުޅަކީ، މިމަހުގެ 26 އިން 29 އަށް ޗައިނާގެ ޗޮންގްޗިންގައި ބާއްވާ އެލާންސް ފޮރ ކަލްޗަރަލް ހެރިޓޭޖް އިން އޭޝިއާ، އާޗާގެ ދެވަނަ އާންމު ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދިވެހި ބަހުގެ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ތަރިކައިގެ ދާއިރާގައި ޢިލްމީގޮތެއްގައި ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގައި އެޖަމްޢިއްޔާއަކީ މުހިއްމު ބައިވެރިއެއްކަމަށެވެ. އެޖަމްޢިއްޔާގެ މެމްބަރު ޤައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރޭގައި ތަރިކަ އިޔާދަކުރުމާއި، މަރާމާތުކުރުމާއި ޓެކްނޮލޮޖީއާއި އިންސާނީ ވަޞީލަތް މިދާއިރާއިން ތަރައްޤީކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން ހިމެނޭކަމަށް ބަހުގެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި ހުރި ދުވަސްވީ އާސާރުތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުންދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މި މަސައްކަތުގައި އެކި ޤައުމުތަކުގެ އެހީތެރިކަންވެސް ދަނީ ހޯދަމުންނެވެ.