ކުޅިވަރު

ޕެލޭ ބްރޭންޑްގެ ވިޔަފާރި ނޭމާގެ ބެލުމުގެ ދަށަށް


ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޕެލޭގެ ބްރޭންޑްގެ ހުރިހާ ތަކެއްޗަކާއި ވިޔަފާރިތަކެއް ބްރެޒިލްގެ މިހާރުގެ ތަރި ނޭމާގެ ކުންފުނި، ނޭމާ ސްޕޯޓްސް (އެންއާރު ސްޕޯޓްސްއިން) ބަލަހައްޓަން ފަށައިފިއެވެ.

ނޭމާ ސްޕޯޓްސްއިން ޕެލޭ ބްރޭންޑް ބަލަހައްޓައި އޭގެ ވިޔަފާރި ކުރަން ފެށީ އެ ބްރޭންޑް އެ ކުންފުނީގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެވެ. މީގެ ކުރިން ޕެލޭ ބްރޭންޑްގެ ހުރިހާ ތަކެއްޗެއް މާކެޓްކޮށް ބަލަހައްޓައި ވިޔަފާރި ކުރަމުންދިޔައީ އެމެރިކާގެ ސްޕޯޓްސް 10 ކުންފުނިންނެވެ. ނަމަވެސް މި މުއާމަލާމާތުގެ ރަސްމީ އަގެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ބްރެޒިލްގެ ބައެއް މީޑިއާތަކުން ބުނަނީ މިއީ 18 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ޕެލޭ ބްރޭންޑް ތަމްސީލުކުރީ އޭނާގެ އަންހެން ދަރިފުޅު ފްލާވިއާ އެވެ. ނޭމާ ބްރޭންޑް ތަމްސީލު ކުރީ އެ ކުންފުނީގެ އެންމެހާ ކަމެއް ބަލަހައްޓަމުންދާ ނޭމާގެ ބައްޕަ ނޭމާ ސަންޓޯސް ސީނިއާ އެވެ.

"މިއީ ވަރަށް އަގުހުރި ފުރުސަތެއް. މި ބްރޭންޑް މާކެޓް ކުރަން ލިބުމަކީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ބްރެޒިލްގައި މި ބްރޭންޑަކީ އަދިވެސް މީހުން ގަޔާވާ އަދި ލޯބިކުރާ ބްރޭންޑެއް،" ނޭމާގެ ބައްޕަ ބުންޏެވެ.

ތިން ފަހަރެއްގެ މަތީން ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޕެލޭ މަރުވީ 2022 ވަނަ އަހަރު އެވެ. އޭނަ އަކީ ދުނިޔެ ދެކެފައިވާ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އަދި ބްރެޒިލްގެ އެންމެ ވަރުގަދަ ލެޖެންޑެވެ.