ޔޫއެފަ ޗެމްޕިއަންސް ލީގުގައި ރޭ އޮލިމްޕިއާކޯސް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ކިލިއަން އެމްބާޕޭ ޖެހި ހަތަރު ލަނޑާއެކު 4-3 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ގްރީސް ގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އޮލިމްޕިއާކޯސް ކުޅުނު މި މެޗުގެ އަށް ވަނަ މިނިޓުގައި އެ ޓީމުގެ ޗިކީނިއޯ ވަނީ ލަނޑެއް ޖަހާ ލީޑު ހޯދާފަ އެވެ.
ނަމަވެސް އޮލިމްޕިއާކޯސް އިން ލީޑު ނެގިތާ 14 މިނިޓު ފަހުން ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މި ލަނޑު ޖެހިތާ ހަތް މިނިޓުގެ ތެރޭގައި އެމްބާޕޭ ވަނީ އިތުރު ދެ ލަނޑު ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް މިހާތަނަށް ދެވަނަ އަށް އެންމެ އަވަހަށް ހެޓްރިކް ހަދާފައިވާ ފަހަރެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮލިމްޕިއާކޯސްގެ އިރާން މިޑްފީލްޑަރ މަހްދީ ތަރޭމީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 59 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ދިން ޕާހަކުން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް އޮލިމްޕިއާކޯސްގެ އައްޔޫބު އެލްކާބީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުން ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. އޮލިމްޕިއާކޯސް އަށް ލިބިފައިވާ 2 ޕޮއިންޓާއެކު އެ ޓީމު އޮތީ ޖުމްލަ 36 ޓީމު ވާދަކުރާ ފުރަތަމަ ބުރުގެ 33 ވަނައިގަ އެވެ.