ދެކުނުއިރުމަތީ އޭޝިޔާގެ އެކި ސަރަޙައްދުތަކުގައި ބޯވާރެއާއި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. ތައިލެންޑަށް މިއިން ޒަމާނަކު ނުވެހޭ މިންވަރަށް ވާރޭވެހި ސިޓީތައް ފެނުއަޑީގައި އޮތްއިރު އެ ޤައުމުގައި މިހާތަނަށް 55 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުގެ އަވަށްޓެރި އިންޑޮނޭޝިޔާއަށް އަރާފައިވާ ބާރުގަދަ ނަގޫރޯޅިއެއްގައި 61 މީހުން މަރުވެފައިވާއިރު، މެލޭޝިޔާއިން ވެސް ދަނީ ފެންބޮޑުވުމާ ކުރިމަތިލަމުންނެވެ. އެ ޤައުމުގައި ވެސް ދެ މީހުން މަރުވެފައިވެއެވެ. މޫސުމާބެހޭ އިދާރާތަކުން ޤަބޫލުކުރާ ގޮތުގައި ދެކުނުއިރުމަތީ އޭޝިޔާގެ މޫސުން އާދަޔާ ޚިލާފަށް ގޯސްވެފައި މި ވަނީ ފިލިޕީންސްގައި އުފެދިފައިވާ ކޯޓޯ ތޫފާނާއި މަލާކަ ސްޓްރެއިޓްގައި އުފެދިފައިވާ ސެންޔާ ނަގޫރޯޅީގެ ސަބަބުންނެވެ.
މެދުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ތައިލެންޑަށެވެ. އެ ޤައުމުގެ ދެކުނުގެ ނުވަ ޕްރޮވިންސެއްގައި ފެންބޮޑުވެފައިވާއިރު، ތިން މިލިޔަނެއްހާ މީހުންނަށް ވަނީ އެ ކަމުގެ އަސަރުކޮށްފައެވެ. އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކަށް ގޮސްފައެވެ.
ތައިލެންޑުގެ ޕްރޮވިންސުތަކުގެ ތެރެއިން އެންމެ ޙާލަތު ގޯހީ ހަތު ޔާއިގައެވެ. އެ ޕްރޮވިންސަށް އެއް ދުވަހުގެ ތެރޭގައި 335 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެއީ ފާއިތުވި 300 އަހަރުގެ ތެރޭގައި ވެސް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދަކަށް އެ ޤައުމަށް ވާރޭ ވެހުނު މިންވަރެވެ. ހަތު ޔާއިގައި އުފެދިފައިވާ ފެންގަނޑު މިހާރު ވަނީ ހިނދެން ފަށައިފައެވެ. އެއާއެކު ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ސަލާމަތް ކުރުމަށް ތައިލެންޑުގެ ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމަށް ބެލެވެއެވެ.
60 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގެ ސުމަތުރާއަށް ބާރުގަދަ ނަގޫރޯޅިއެއް އެރުމުގެ ސަބަބުން އެ ރަށުގެ ޙާލަތު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ފެންބޮޑުވުމުގެ ކާރިޘާއެއް ކުރިމަތިވެފައިވާއިރު ޗަކަ ފޭބުމުގެ ހާދިޘާތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. ގިނަ ޢަދަދެއްގެ މީހުން މަރުވުމުގެ އިތުރުން 100އެއްހާ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އިމާރާތްތަކާއި މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ އިތުރުން ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ދަތިތައް ކުރިމަތިވެފައެވެ.
މެލޭޝިޔާގެ ހަތް ސްޓޭޓެއްގައި ފެން ބޮޑުވެ، އެ ޤައުމުގެ 34،000އަށްވުރެ ގިނަ މީހުންނަށް ވަނީ ވަގުތީ ހިޔާތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. އެ ސްޓޭޓުތަކުގައި ހެދިފައިވާ ފެންގަނޑު މިހާރު ހިނދެން ފަށާފައިވި ނަމަވެސް ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި އިތުރު ތޫފާނެއް އަރާނެ ކަމުގެ އިންޒާރު އިދާރާތަކުން ވަނީ ދީފައެވެ. އެއާއެކު ވައި ގަދަވެ ކަނޑު ގަދަވުމުގެ އިތުރުން މެދުނުކެނޑި ވަރޭ ވެހޭނެ ކަމަށް ބެލެވެއެވެ.