ފަހުގެ ތާރީޚެއްގައި ސްރީ ލަންކާއަށް ވަރޭ ނުވެހޭ މިންވަރަށް އެ ޤައުމަށް ވާރޭވެހި ގިނަ ޢަދަދެެއްގެ މީހުން މަރުވެއްޖެއެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީ ލަންކާއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. ސްރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށް، މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރު ދީފައެވެ.
އާދަޔާ ޚިލާފަށް ވައި ގަދަވެ، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކާ ސްރީ ލަންކާއިން ކުރިމަތިލަމުންދާއިރު، އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ)ން ބުނީ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 47 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އިތުރު 21 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. 1،729 ޢާއިލާއަކަށް ނިސްބަތްވާ 5،893 މީހުންނަށް ވިއްސާރައިގައި އަސަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ސްރީ ލަންކާގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ. އެއީ ސްރީލަންކާގެ އައްސޭރީގައި އުފެދިފައިވާ ޑިޕްރެޝަންއެއް ސައިކްލޯނަކަށް މިހާރު ބަދަލުވެފައިވާތީއެވެ. ޤައުމުގެ ޙާލަތު ތަން ނުދޭތީ އަސާސީ ޚިދުމަތްތައް ދޭ އިދާރާތައް ފިޔަވައި ސްރީ ލަންކާގެ ސަރުކާރުގެ ހުރިހާ އިދާރާއެއް ވެސް ވަނީ މި ވަގުތަށް ބަންދުކޮށްފައެވެ. އަދި މަދަރުސާތައް ވެސް ވަނީ ކުރިއަށް އޮތް ދެ ދުވަހަށް ބަންދުކޮށްފައެެވެ.