ޚަބަރު

ސްޓްރޭލިއާ ބަލިކުރުމަކީ ހަޔާތުގެ އެންމެ އުފާވި އެއް ދުވަސް: ސަލާހް


  • މިޞްރުން އޮސްޓްރޭލިއާ ބަލިކުރީ ޕެނަލްޓީ ޖަހައިގެން

  • އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ދެރަ ވެފައިކަމަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ 32 ޓީމުގެ ބުރުގައި އޮސްޓްރޭލިއާ ބަލިކޮށް ފަހު 16 ޓީމުގެ ތެރެއިން ޖާގަހޯދުން މިއީ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަސް ކަމުގައި މިޞްރުގެ ކެޕްޓަން މުހަންމަދު ސަލާހް ބުނެފިއެވެ.

ސަލާހް މިހެން ބުނެފައިވަނީ ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާގެ މައްޗަށް ހޯދި ކާމިޔާބީއަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ސަލާހް ބުނީ މިޞްރުގެ ޖާރޒީ ލުމަކީ އޭނާ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށާއި އަދި މިއަދު ހޯދުނު ކާމިޔާބީ އާއެކު މިއީ އޭނާގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ.

އޭނާ ބުނީ މިއަދު މިވަނީ މިޞްރު ޓީމާއެކު ތާރީހްގެ ތެރެއިން ޖާގައެއް ހޯދިގެން ގޮސްފައެވެ. އަދި އަނިޔާގައި ހުރެގެންވެސް ޤައުމީ ޓީމަށް ކުޅުމަކީ އޭނާ ފަސް ޖެހޭނެ ކަމެއް ނޫން ކަމަށާއި އެގޮތުން މިމެޗުގައިވެސް އޭނާ ކުޅުނީ އަނިޔާގައި ހުރެގެން ކަން ހާމަކުރިއެވެ.

ސަލާހް ބުނީ މެޗަކަށް ފަހު މެޗެއްގައި އެޓީމުގެ ކުޅުން ރަނގަޅު ވަމުން އަންނަ ކަމަށާއި މިމެޗުގައިވެސް ޕެނަލްޓީއަށް ގޮސްގެން މޮޅުވުމުން އުފާކުރާކަމަށެވެ. މިވަގުތު އޭނާ އާއި މުޅި ޓީމުވެސް ބޭނުންވަނީ މިކާމިޔާބީ ފާހަގަ ކުރަން ކަމަށާއި އަދި ދެން އިން މެޗާއި މެދު ވިސްނާނީ އެއަށްފަހުކަމަށެވެ.

އޭނާ ބުނީ ވޯލްޑް ކަޕަށް މިޞްރު ކޮލިފައިވާނީ ދެން އޮން އިރަކުން ކަން ބުނަން ނޭނގޭ ކަމަާއި އަދި ގްރޫޕް މަރުހަލާއިން ދެވަނަ ބުރަށް މިޞްރު މިދަތުރުކުރީ ފުރަތަމަ ފަހަރަށް ކަމަށެވެ. އަދި މިކާމިޔާބީ އާއެކު ދެން ބޭނުންވަނީ ފަހު 16 ބުރުގެ މެޗުވެސް ކާމިޔާބުކޮށް ކްއާޓަރ ފައިނަލުން ޖާގަހޯދަން ކަމަށްވެސް ސަލާހް ފާހަގަ ކުރިއެވެ.

މިމެޗަށްފަހު ވާހަކަ ދައްކަމުން އޮސްޓްރޭލިއާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ބުނީ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ދެރަ ވެފައިކަމަށެވެ. އަދި މިމެޗުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް އެކުޅުންތެރިޔަކަށް ހަވާލު ވެފައިވި މަސައްކަތް ކުރި ކަމަށެވެ. އަދި ޕެނަލްޓީ ޝޫޓް އައުޓްއަށް މެޓް ރަޔަން ކުޅެން އެރުވުން އެންމެ ރަނގަޅަށް މަސައްކަތް ނުކުރި ކަމަށާއި ނަމަވެސް އޭރު ވިސްނުނު ގޮތުގައި ޕެޓްރިކް ބީޗްއަށްވުރެ ރަޔަންގެ ތަޖްރިބާގެ ބޭނުން ޕެނަލްޓީ ޝޫޓް އައުޓްގައި ހިފޭނެކަމަށް ގަބޫލް ކުރެވުނު ކަމަށް ޕޮޕޮވިޗް ބުންޏެވެ.

ޕޮޕޮވިޗް ބުނީ ބީޗް އަކީ ޒުވާން އާ ކީޕަރެއް ކަމަށާއި އޭނާގެ ތަޖްރިބާ ޤައުމީ ޓީމުގެ އިތުރުން ކްލަބް ލެވެލްގައިވެސް މަދުކަމަށެވެ. އެހެން ކަމުން އެވަގުތަށް އެންމެ ރަނގަޅު ވާނެކަމަށް ފެނުނީ ރަޔަން ކުޅެން އެރުވުން ކަމަށެވެ. އަދި ޕެނަލްޓީ ޝޫޓް އައުޓްގައި ރަޔަންއަށް ޕެނަލްޓީއެއް މަތަ ނުކުރެވުނީ އޭނާ ރަނގަޅު ނުވުމުން ނޫން ކަމަށާއި އޭގެ ބަދަލުގައ މިޞްރުގެ ޕެނަލްޓީތައް މޮޅު ވުމުން ކަމަށެވެ.