ޚަބަރު

ވިއްސާރައިގައި ލަންކާއިން މަރުވި މީހުންގެ ޢާއިލާތަކަށް ރައީސްގެ ތަޢުޒިޔާ


  • މި ވިއްސާރައިގައި 47 މީހަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވެފައިވޭ

  • ލަންކާގެ ރައްޔިތުންނާއެކު ދިވެހިން ދެމިތިބޭނެކަމަށް ރައީސް ވިދާޅުވި

ފަހުގެ ތާރީޚެއްގައި ސްރީލަންކާއަށް ވަރޭ ނުވެހޭ މިންވަރަށް އެ ޤައުމަށް ވާރޭވެހުމާ ގުޅިގެން މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ލަންކާގެ މޫސުން ގޯވެ، އެ ޤައުމަށް ކުރި ބޯ ވިއްސާރާގައި ގިނަ ބަޔަކު މަރުވެ، އެތައް ތަނަކަށް ގެއްލުންވުމުން ހިތާމަކުރާ ކަމަށެވެ. އަދި ލަންކާއަށް ދިމާވެފައިވާ ހިތްދަތި މި ދަނޑުވަޅުގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހިން ދެމިތިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސްރީލަންކާއަށް ވަނީ 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެއީ އެ ޤައުމަށް މިހާތަނަށް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވާރޭ ވެހިފައިވާ އެންމެ ގިނަ މިންވަރެވެ. ސްރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ އެ ޤައުމުގައި ފުރަތަމަ ފަހަރަށް ރަތް ސަމާލު އިޢުލާނުކޮށް، މޫސުން ވަރަށް ގޯސް ކަމުގެ އިންޒާރު ދީފައެވެ.

އާދަޔާ ޚިލާފަށް ވައި ގަދަވެ، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކާ ސްރީ ލަންކާއިން ކުރިމަތިލަމުންދާއިރު، އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ)ން ބުނީ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 47 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އިތުރު 21 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. 1،729 ޢާއިލާއަކަށް ނިސްބަތްވާ 5،893 މީހުންނަށް ވިއްސާރައިގައި އަސަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.