ފާއިތުވެދިޔަ ތިން އަހަރުގެ ދުނިޔޭގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ސްޕޭނާއި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީގެ ފައި ބިންދައިގެން ހިނގައްޖެ އެވެ.
އޭނާގެ ފާތުފައިގެ ތަނބިކަށީގެ ތިރިން ބިންދައިގެން ދިޔައީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ. އެއީ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ދެ ވަނަ ލެގުގައި ޖަރުމަނާ ދެކޮޅަށް ކުޅެން ތައްޔާރުވަނިކޮށެވެ. ބޮންމާޓީ ވަނީ ފައިނަލްގެ ފުރަތަމަ ލެގުގައި 77 މިނިޓް ކުޅެފަ އެވެ. އޭނާ އަށް ދެން ކުޅެން ނުކުމެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ފައިގެ ކަޑިގަނޑު ބިނދިފައިވާކަން އެނގުނީ ޕްރެކްޓިހުގައި ހުއްޓައި ތަދުވެގެން ހެދި ޓެސްޓްތަކުން ކަމަށެވެ. އަދި ކުޅުންތެރިޔާ އިތުރު ފަރުވާ އަށް ދެން ދާނީ އޭނާގެ ކުލަބު ބާސެލޯނާ އަށް ކަމަށެވެ.
އުމުރުން 27 އަހަރުގެ އައިޓާނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އޭނާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ޔޫރޯ އަދި ޗެމްޕިއަންސް ލީގުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
ސްޕޭނުގެ އަންހެން އިނިއެސްޓާގެ ނަމުން ވެސް މަޝްހޫރުވެފައިވާ އައިޓާނާ ނެތުމަކީ ސްޕޭނާއި ބާސެލޯނާ އަށް ވެސް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. އެއީ އޭނާ ފަދަ ދެ ވަނަ އެހެން ކުޅުންތެރިއަކު މިވަގުތު ފެންނަން ނެތުމުންނެވެ.
ބޮންމާޓީ އަކީ ބާސެލޯނާގެ ލަމާސިއާއިން ތަމްރީނުވި ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ އޭނާ ކުޅުނީ ބާސްކެޓްބޯޅަ އެވެ. އެކަމަކު އުމުރުން ހަތް އަހަރުގައި ފިރިހެން ކުދިންނާއެކު ފުޓްބޯޅަ ކުޅެ އެމީހުންނަށްވުރެ އޭނާ މޮޅުކަން ދައްކައިދިނެވެ. ލަމާސިއާއިން ފުރުސަތު ލިބުނީ މި ހިސާބުންނެވެ.
އޭނާ ވަނީ ސްޕޭނަށް 83 މެޗުން 31 ގޯލު ޖަހައިދީފަ އެވެ. އަދި ބާސެލޯނާ އަށް 215 މެޗުން 78 ގޯލު ޖަހައިދީފަ އެވެ.