ސްރީލަންކާއަށް ދިމާވެފައިވާ ދަތި ޙާލަތުގައި ރާއްޖެއިން ވެދޭ އެހީތެރިކަމަކީ ބައިނަލްއަޤުވާމީ ދުނިޔެއަށް އޮތް ނަމޫނާއެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ލަންކާއަށް އެހީވުމަށް ފަންޑު ހޯދުމަށް ޕީއެސްއެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޮންގެ ތެރެއިން ވާހަކަފުޅުދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖެއާ ބައިނަލްއަޤުވާމީ ގޮތުން ގާތް ގުޅުން ބާއްވާ ޤައުމުތަކަށް ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައި ދިވެހިންނަކީ އެހީތެރިކަމުގައި ނަމޫނާ ދައްކާ ބައެއް ކަމަށެވެ. އެގޮތުން ލަންކާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ބޮޑު އެހީތެރިކަމެއް މިފަަހަރުވެސް ދިވެހިން ވެދީފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ ބައިނަލްއަޤުވާމީ ދުނިޔެއަށްވެސް އޮތް ނަމޫނާއެއް ކަމަށެވެ.
"ރާއްޖޭގައި މަސައްކަތްތެރިންގެ ގޮތުގައި ލަންކާ މީހުން އުޅޭ ޓީޗަރުންނާއި އެކައުންޓެންޓުން އުޅޭ. ދިމާވާ މި ދަތީގައި އެހީތެރިކަމެއް މި ފޯރުކޮށްދެނީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ޢާއިލާ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަދައިން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދާޚިލީ ވުޒާރާގެ އެކި އިދާރާތަކުން ޓެލެތޮންއަށް ދިން އެއްބާރުލުން ފާހަގަކުރަައްވާ ކަމަށެވެ. އަދި މި ޓެލެތޮންއިން ދިވެހިންގެ އިންސާނިއްޔަތުކަން ދައްކުވައިދީފި ކަމަށާއި އޭގެ މަންފާ ފަހުންކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާތަނަށް ހާމަކޮށްފައިވާ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ޕީއެސްއެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ލަންކާއަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޮންއަށް 11 މިލިޔަން ދިވެހި ރުފިޔާ އަދި 43681 ޑޮލަރުގެ އެހީތެރިކަމެއް ވަނީ ލިބިފައެވެ.