ޚަބަރު

މީޑިއާތައް ގުޅިގެން ބޭއްވި "ސިލޯނާއެކު ދިވެހިން" ޓެލެތޯން ނިންމާލައިފި


  • ޓެލްތޯން ކުރިއަށްދިޔައީން އިއްޔެއިން ފެށިގެން މިއަދު މެންދުރުފަހު 2 ޖެހުމާ ހަމައަށް

  • މިހާތަނަށް ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު 11.4 މިލިޔަން ރުފިޔާ ލިބިފައިވޭ

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ދިމާވެފައިވާ ހާލަތާ ގުޅިގެން އެ ޤައުމަށް އެހީވުމަށް ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއާ ރާއްޖޭގެ މީޑިއާތައް ގުޅިގެން ބޭއްވި "ސިލޯނާއެކު ދިވެހިން" ޓެލެތޯން ނިންމާލައިފިއެވެ.

"ސިލޯނާއެކު ދިވެހިން" ޓެލެތޯނަކީ ބާރުގަދަ ތޫފާނަކާ ގުޅިގެން ސްރީލަންކާއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެތައްބަޔަކު މަރުވެ އެތައްބަޔަކު ހާލުގައި ޖެހިފައިވާތީ، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ.

37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން އެންމެ ފަހުން ޙާއްސަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޓެލެތޯންއަށް ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ.

މި ޓެލެތޯނަށް ޚާއްސަ އެކައުންޓެއް ބީއެމްއެލްއިން ހަމަޖައްސައިދިންއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވެއެވެ. އަދި މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށެވެ.

ޓެލެތޯންއަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ބީއެމްއެލްއާ ކްރޯ މޯލްޑިވްސް ގުޅިގެންދަނީ ކުރަމުންނެވެ. ޓެލެތޯންއަށް ލިބު ނު ފައިސާގެ ޖުމްލަ ޔަޤީންވާނީ މި މަސައްކަތް ނިމުމުނެނެވެ.

ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ފުލުހުންގެ ފަރާތުން ވަނީ 2.4 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. މިއީ ޓެލެތޯން މެދުވެރިކޯށް ފައިސާ ހަދިޔާ ކުރުމުގެ ވަގުތު ހަމަވިއިރު ލިބުނު އެންމެ ބޮޑު ފައިސާގެ އެހީއެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާގެ އެހީއެއް ދިނީ ދިވެހި ސިފައިންގެ ފަރާތުންނެވެ. ސިފައިންގެ ފަރާތުން 1 މިލިޔަން ރުފިޔާ ވަނީ ހަދިޔާކޮށްފައއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ޓެލެތޯންގެ ތެރެއިން އެކި ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތައް އަދި އެކި ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބޮޑެތި އަދަދުތަކުން ފައިސާގެ އެހީ ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.