ޚަބަރު

ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު


  • މީގެކުރިން 2 ޑްރެޖަރު ވަނީ ގެނެސްފައި ބިން ހިއްކުން އަވަސްކުރުމަށް

ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރެއްވުމަށް ބިޔަ ގްރެޖަރުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަން ސަރުކާރުން ހާމަކުރެއްވީ މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އޭގެތެރެއިން 2 ޑްރެޖަރެއް ގެނެސްގެން މަސައްކަތް ފަށާފައިވާއިރު، 3 ވަނަ ޑްރެޖަރުވެސް ރާއްޖެ ގެނެސް މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި މި ޑްރޭޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަމަަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އުއްމީދީ މަޝްރޫޢުކަމަށްވާ "ރަސްމާލެ"އަކީ ދުނިޔޭގެވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަށެވެ. ރަސްމާލޭގެ އިތުރުން، ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަނީ ކުރިއަށގެންދަވަމުންނެވެ. އަދި ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކެއްވެސް އެކި މަރުޙަލާތަކުގައި މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަމާޒަކީ މިދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދެއްވުމެވެ.