ޚަބަރު

ސްރީ ލަންކާގައި 15,000 ގެދޮރު ސުންނާފަތިވެ 200،000 މީހުން ވަގުތީ ހިޔާތަކުގައި


ދެކުނު އޭޝިޔާ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން 15,000ށްވުރެ ގިނަ ގެދޮރު ހަލާކުވެއްޖެއެވެ. ސްރީ ލަންކާގެ ސަރަޙައްދުތަކަށް ދިތުވާ އަރާފައި ވަނީ ނޮވެންބަރު 28ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 355ށް އުފުލިފައެވެ. އަދި، ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 366 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 ޢާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ. ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާން ދިތުވާގެ ބާރު ކެނޑެމުންދާ ކަމަށާއި، މި ވަގުތު އެ ތޫފާން ދަތުރު ކުރަމުން ދަނީ އެ ޤައުމުގެ އުތުރަށް ކަމުގައެވެ. މި ވަގުތު އެ ތޫފާން އޮތީ ބޭ އޮފް ބެންގާލް ކަނޑުގެ ސަރަޙައްދުގައެވެ.

ތޫފާނާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމަށް ސްރީ ލަންކާގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ސާފުވެފައިވާ މަޢުލޫމާތަށް ބަލާއިރު، ތޫފާނާ ގުޅިގެން 15,000ށްވުރެ ގިނަ ގެއަށް ވަނީ ގެއްލުންވެފައެވެ. އަދި، ފެންބޮޑުވެ، 200ށްހާ މަގު ވަނީ ބަންދުވެފައެވެ. ބިންގަނޑު ކެނޑުމާ ގުޅިގެން އޭގެ ތެރެއިން 108 މަގަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ޤައުމުގެ ރޯޑް ޑިވެލޮޕްމެންޓް އޮތޯރިޓީން ހާމަކުރިއެވެ. އަދި، 10ވަރަކަށް ބުރިޖަށް ގެއްލުންވެފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގެ ބައެއް ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. މި ގޮތުން، ފެންބޮޑުވުމާ ގުޅިގެން ކަލާވަތަ ޖެނެރަލް ހަސްފަތާލު ވަނީ ބަންދު ކޮށްފައެވެ. އެ ހަސްފަތާލުގެ ތެރޭގައި ފަސް ފޫޓަށް ފެންގަނޑު ބޮޑުވެފައިވާ ކަމުގައި އެ ތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބުންޏެވެ. ސްރީ ލަންކާގެ އެކި ކަންކޮޅުތަކުގައި މަދިރިއާއި ކާބޯތައްޗާއި ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތަކާއި ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ޢާންމުވުމުގެ ފުރުޞަތު ބޮޑު ކަމުގައި އިންޒާރުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ވަނީ އިރުޝާދު ދީފައެވެ.