ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގައި މިރޭ ނޯވޭ އާއި ދެކޮޅަށް އައިވަރީ ކޯސްޓް ނިކުންނައިރު މިއީ އެފްރިކާގެ ގަދަބާރެއް ކަމުގައިވާ އައިވަރީ ކޯސްޓް އިން ވޯލްޑްކަޕްގެ ދެވަނަ ބުރަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ފީފާ ވޯލްޑްކަޕްގައި ހަތަރުވަނަ ފަހަރަށް އައިވަރީ ކޯސްޓް އިން ވާދަކުރާއިރު, އެ ޓީމުން މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އައިވަރީ ކޯސްޓް އިން ވަނީ އިކުއެޑޯ 1-0 ގެ ނަތީޖާއަކުން ބަލިކުރުމުގެ އިތުރުން ކުރަސާއޯ 2-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. ނަމަވެސް ގްރޫޕްގެ އެއްވަނަ ހޯދި ޖަރމަނީ އަތުން އައިވަރީ ކޯސްޓް ވަނީ ބަލިވެފަ އެވެ.
1998 ވަނަ އަހަރު ފްރާންސް ގައި ބޭއްވި ވޯލްޑްކަޕަށްފަހު ފުރަތަމަ ފަހަރަށް ނޯވޭ ވޯލްޑްކަޕްގައި ވާދަކުރާއިރު, އެ ޓީމުން ގަދަ 32 ގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އައިގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ނޯވޭ އިން ވަނީ މި ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. އިރާގު އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު ސެނެގާލް އަތުން މޮޅުވެފައިވަނީ 3-2 ގެ ނަތީޖައަކުންނެވެ. އަދި ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗުން ނޯވޭ ވަނީ 4-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
ނޯވޭ އިން ގްރޫޕްގައި ކުޅުނު ތިން މެޗުގައި ޖުމްލަ 8 ލަނޑު ޖަހާފައިވާއިރު އޭގެ ތެރެއިން 4 ލަނޑު ޖަހާފައިވަނީ މެންޗެސްޓަރ ސިޓީގެ ފޯވަޑް އާލިން ހާލަންޑް އެވެ.
އެމެރިކާގެ ޑަލާސް ސްޓޭޑިއަމްގައި ކުޅޭ މެޗަށް މި ދެ ޓީމު ނިކުންނައިރު އައިވަރީ ކޯސްޓް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. ނޯވޭ ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗު އެއްވަރުވެފައިވާއިރު ތިން މެޗުން ވަނީ ބަލިވެފަ އެވެ.