ކުޅިވަރު

ރެއާލް މެޑްރިޑް ހިމޭން ހަޅުތާލެއްގައި، ކޯޗަކަށް ޒިދާން އަލުން އަތުވެދާނެ!


ސްޕޭނުގެ ރެއާލް މެޑްރިޑްގެ ތެރޭގައި ހިމޭން ހަޅުތާލެއް ފެށި، ކުލަބުގެ ނަތީޖާތައް ދަށްވެ، އެންމެ ފަހުން ކޯޗު ޒަބީ އަލޮންސޯއާ މެދު ގޮތެއް ނިންމަން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

މެޑްރިޑްގެ މީޑިއާތަކުން ބުނާ ގޮތުގައި ރެއާލް މެޑްރިޑުން މެނޭޖްމަންޓުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލީ މިއަދު އެވެ. ބައްދަލުވުން ބާއްވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެޖެންޑާގައި ވަނީ ކުލަބުގެ ސީނިއާ ފަސް ކުޅުންތެރިއަކު ތަކުރާރުކޮށް ކޯޗު ޒަބީ އަލޮންސޯގެ ރޭވުންތެރިކަމާމެދު ސުވާލު އުފައްދައި ޝަކުވާ ކުރާ މައްސަލަ އެވެ. އަދި ކޯޗާމެދު ގޮތެއް ނިންމުމެވެ.

ރެއާލް މެޑްރިޑްގެ މެނޭޖްމަންޓަށް ކުޅުންތެރިންގެ ޝަކުވާތަކެއް ހުރިކަން ކުރިން ވެސް އެނގެ އެވެ. ނަމަވެސް މިކަމާމެދު ސީރިއަސްކޮށް ބަހުސް ކުރާ ހިސާބަށް ދިޔައީ ނަތީޖާތައް މާބޮޑަށް ގޯސްވުމުންނެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވެ ޗެމްޕިއަންސް ލީގުގެ ނަތީޖާތައް ވެސް ގޯސްވުމުންނެވެ. ސްޕެނިޝް ލީގުގައި ރެއާލް އަށް ލިބިފައި އޮތް ފަސް ޕޮއިންޓްގެ ލީޑު ވެސް މިހާރު ވަނީ ގެއްލިފަ އެވެ. އިއްޔެ ރޭ ޖިރޯނާ އަތުން އެއްވަރުވުމުން ޓޭބަލުގެ ދެ ވަނަ އަށް ރެއާލް ސޮއްސާލައި މިވަގުތު އެއްވަނާގައިވަނީ އެންމެ ވާދަވެރި އަދި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެވެ.

އައު ކޯޗަކަށް ވުން ގާތީ ޒިދާން:

ގިނަ ރިޕޯޓްތައް ބުނާ ގޮތުން ކަންކަން މާބޮޑަށް ގޯސް ނުވަނީސް ރެއާލް މެޑްރިޑުން އައު ކޯޗަކަށް ޓީމު ހަވާލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަލޮންސޯގެ ބަދަލުގައި ޓީމަށް ގެނައުން އެންމެ ގާތް ކޯޗަކީ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ޒައިނުއްދީން ޒިދާނެވެ. އޭނާ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތީން ރެއާލް އަށް ކޯޗުކޮށްދީ، ވިދިވިދިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭނާ މިވަގުތު ހުރީ ހުސްކޮށެވެ.

ރެއާލް މެޑްރިޑް ނޫން ޓީމަކަށް ކޯޗުކޮށްދީފައިވާ ޒިދާނަކީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ކޯޗެވެ. މިހެންވެ އޭނާ ރެއާލް މެޑްރިޑާ ހަވާލުވިޔަސް ހުންނާނީ މި ސީޒަނުގެ ނިޔަލަށެވެ.

ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޒިދާނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ގާތް ރަހުމަތްތެރިއެއް ވެސްމެ އެވެ.