މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކެރީބިޔަން ކަނޑުގެ ދެކުނުގެ ސަރަޙައްދަކުން ދަތުރު ކުރަމުން ދިޔަ ވެނެޒުއެލާގެ ބޯޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތައް ވައިޓް ހައުސްއިން ދިފާޢުކޮށްފިއެވެ.
ކަނޑުމަގުން އެމެރިކާއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ޚާއްސަ ޙަރަކާތެއް ހިންގަން ފަށާފައެވެ. އެމެރިކާއިން ވެނެޒުއެލާގެ ބޯޓަށް ދިން ޙަމަލާއަކީ އެ ޙަރަކާތުގެ ދަށުން އުޅަނދަކަށް ޙަމަލާދީ، ބަޔަކު މަރައިލާފައިވާ ފުރަތަމަ ފަހަރެވެ. އެ ޙަމަލާގަައި 11 މީހުން ވަނީ މަރާލައިފައެވެ. އެ ބޯޓަކީ މަސްތުވާތަކެތި ބަރު ކޮށްގެން ދަތުރު ކުރަމުން ދިޔަ ބޯޓެއް ކަމަށާއި، އެ ބޯޓު މިސްރާބު ޖަހަމުން ދިޔައީ އެމެރިކާއަށް ކަމަށް ޓްރަމްޕް އޭުރު ވަނީ ވިދާޅުވެފައެވެ. އަދި އެ ޙަމަލާގައި މަރައިލާފައި ވަނީ މަސްތުވާތަކެތީގެ ވަގުފާރީގައި ހަރަކާތްތެރިވާ މީހުންތަކެއް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ވެނެޒުއެލާގެ ބޯޓުގައި ތިބި އެންމެން މަރުވި ކަން ކަށަވަރުކުރުމަށް އެ ބޯޓަށް ގިނަ ޢަދަދެއްގެ ވައިގެ ޙަމަލާތައް ދީފައިވެއެވެ. ޓްރަމްޕް އޭރު ވަނީ އެ ބޯޓަށް ދެވަނަ ޙަމަލާއެއް ދިނުމަށް އޭނާ ބޭނުންވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އިތުރު ޙަމަލާތައް ދިނުމަށް ބޭނުންވާ ފެހި ސިގްނަލް ދިފާޢީ ވަޒީރު ޕީޓު ހެގްސެތު ދެއްވަވާފައި ނުވާ ކަމަށް ހެގުސެތު ވިދާޅުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ގިނަ ބަޔަކުު ދަނީ އެ ފަދަ ޙަމަ
ލާއެއް ދިނުން ޤާނޫނުން ޙުއްދަ ކުރޭތޯ ސުވާލު އުފައްދަމުންނެވެ.
ވައިޓް ހައުސުން މިހާރު ބުނަނީ ބޯޓަށް އިތުރު ޙަމަލާތައް ދީފައި ވަނީ ހެގްސެތުގެ ޢަމުރަށް ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ވެނެޒުއެލާގެ ބޯޓަށް ޙަމަލާތައް ދިނުމުގެ ޙުއްދަ ހެގްސެތު ދެއްވަވާފައިވާ ކަމަށެވެ. ޙަމަލާ ދިނުމުގައި އިސްކޮށް ހުންނެވި އެޑްމިރަލް ބްރެޑްލީ މަސައްކަތް ކުރައްވާފައިވާ ވަނީ އޭނާއަށް ކަނޑައެޅިފައިވާ އިމުގެ ތެރެއިން ކަމަށާއި، އެމެރިކާއަށް ނުރައްކަލެއް ނުވާނެ ކަން ޔަޤީން ކުރުމަށް އެ ބޯޓު އެއްކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. އެއީ އެމެރިކާއިން އަމިއްލަ ދިފާޢުގައި ދީފައިވާ ޙަމަލާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. އެމެރިކާއިން ދެކެނީ އެ ބޯޓުގައި ތިބި ޑްރަގު ވަގުފާރަވެރިންނަކީ ބޭރުގެ ނިރުބަރެވި ޖަމާޢަތެއްގެ މެންބަރުންގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޑްރަގު ވަގުފާރީގައި ޙަރަކާތްތެރިވާ ކަމަށް ބެެލެވޭ އުޅަނދުތަކާ ދެކޮޅަށް 19 ޙަމަލާއެއް ދީފައެވެ. އެ ޙަމަލާތަކުގައި 76 މީހުން ވަނީ މަރުވެފައެވެ.