ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ 58 ދާއިރާއެއްގައި ކުރިއަށްގެންދާނެކަން އެޕާޓީން ހާމަކޮށްފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ވިދާޅުވީ 1 ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުށައަޅާފައިވަނީ 58 ދާއިރާއަކުން ކަމަށެވެ. އެހެންކަމުން އެ ދާއިރާތަކަށް ޕްރައިމަރީ ބާއްވާނެކަމަށާއި 30 އަށްވުރެ ގިނަ ރަށުގައި ވޯޓު ފޮށި ހުންނާނެކަމަށެވެ. އެމްޑީޕީ ޕްރައިމަރީގައި 24،216 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.
ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުން އެކަމަށް އެދި ޝައުޤުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 28ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ދަފުތަރުވެފައިވާ މެންބަރުންނަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ވަކި ދުވަހެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން އެމްޑީޕީގައި 43،765 މެންބަރުން އެބަތިއްބެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.