ޚަބަރު

ޔޫއޭއީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި


  • ޔޫއޭއީގެ ރައީސަށާއި ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ ދެންނެވި

އެކުވެރި ޢަރަބި ޢިމާރާތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޔޫއޭއީގެ ޤައުމީ ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒަޔެދް އަލް ނަޙްޔާނަށާއި ރައްޔިތުންނަށް ދަންނަވާ ކަމަށެވެ. އަދި އެކުވެރިކަމާއި އީޖާދީ ވިސްނުމާއި ކުރިއެރުމުގެ ތެރެއިން ލިބުނު ތަރައްޤީ ޔޫއޭއީގެ ޤައުމީ ދުވަސް ހަނދާންކޮށްދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ ޔޫއޭއީއަށް ރައީސް ފޮނުއްވާފައިވާއިރު، އެމަނިކުފާނު ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ޔޫއޭއީއަށް ދަތުރުފުޅެއް ކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމާ، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޔޫއޭއީއާއެކު ރާއްޖެއިން ސިޔާސީ ގޮތުން ގުޅުން ޤާއިމުކުރީ 1978 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ.