ޚަބަރު

ދިފާޢީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ލަންކާއާއެެކު މަޝްވަރާކޮށްފި


  • ދިފާޢީ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ލަންކާ ނޭވީން ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ގަރޑް އޮފް އޮނަރއަކާއެކު މަރުޙަބާ ވިދާޅުވެފައި

ދިފާޢީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ސްރީލަންކާއާއެެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެއްވުން ކުރިއަށްދިޔައީ ލަންކާގެ ނޭވީއަށް 75 އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ އެ ޤައުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.މި ދަތުރުފުޅުގެ ތެރެއިން ޗީފް އޮފް ޑިފެންސް ވަނީ ލަންކާގެ ނޭވީގެ ޗީފް އޮފް ސްޓާފް ރިއަރ އެޑްމިރަލް ޑޭމިއަން ފަނާންޑޯއާ ބައްދަލުކުރައްވާފައެވެ.

ލަންކާގެ ނޭވީ ހެޑްކުއާޓަރ އިން ޗީފް އޮފް ޑިފެންސް ފޯސްއަށް މަރުޙާބާ ކިޔުމުގެ ގޮތުން ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. އެއަށްފަހު ދެ ބޭފުޅުން ބައްދަލުކުރައްވައި، ދިފާޢީގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.

ސްރީލަންކާ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީވެސް މިހާރު ވަނީ ސްރީލަންކާއަށް ގޮސްފައެވެ. މިއީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފްގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރެވެ.

2016 ވަނަ އަހަރު ބޭއްވި ފްލީޓް ރިވިއުގައި ވެސް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީވަނީ ބައިވެރިވެފައެވެ. އެހެންނަމަވެސް އިންޑިއާގައި ބޭއްވި ފްލީޓް ރިވިއުގައި ޝިޕް ހުރަވީ ބައިވެރިވެފައިވަނީ ރިީފިޓްކުރުމަށް އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.

ނޮވެންބަރު 27އިން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށް އިންޓަރނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ސެރެމޯނިއަލް ފްލީޓް ރިވިއުއާއި ސިޓީ ޕެރޭޑާއި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ނޭވަލް އެކްސްޗޭންޖްތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިން ވަނީ ބައިވެރިވެފައެވެ. އަދި، ޕަބްލިކް އެންގޭޖްމަންޓް ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހުޅުވާލިއެވެ.