ޚަބަރު

އޯއައިސީގެ ލޭބަރ ސެންޓަރުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް


  • އޯއައިސީގެ ލޭބަރ ސެންޓަރުގައި ބައިވެރިވާން ރުހުން ހޯދަން މައްސަލައެއް ހުށައަޅާފައިވޭ

  • ލޭބަރ ސެންޓަރަކީ، އިޖުތިމާޢީ ކަންކަން ކުރިއަރުވަން މަސައްކަތްކުރާ އޯއައިސީގެ އިދާރާއެއް

ލޭބަރ ސެންޓަރ އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ހޯދުމަށް ހުށައަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އޯއައިސީގެ ލޭބަރ ސެންޓަރުގައި ބައިވެރިވުމަށާއި އެ ސެންޓަރުގެ ސްޓެޓިއުޓްގައި ރާއްޖެއިން ސޮއިކޮށް، ތަޞްދީޤު ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައްސަލައެއް ހުށައަޅުއްވާފައެވެ.

އޯއައިސީގެ ލޭބަރ ސެންޓަރުގައި ބައިވެރިވުމަށް ރުހުން ހޯއްދެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ވަނީ، 10 ނޮވެންބަރު 2025ގައި ބޭއްވި ވަޒީރުންގެ މަޖިހިލީހުގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ލޭބަރ ސެންޓަރުގައި ބައިވެރިވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ލޭބަރ ސެންޓަރަކީ، ޤާނޫނީ ގޮތުން ވަކި ޝަޚުސެއްކަމަށްވާތީ، އެ ސެންޓަރުގައި ބައިވެރިވެވޭނީ އެތަނުގެ ގަވަރނިންގ ޑޮކިއުމެންޓުގައި ސޮއިކޮށް ތަޞްދީޤު ކޮށްގެން ކަމަށްވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން އެ މުޢާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށައަޅާ ކަމަށެވެ.

މި މައްސަލަ ދިރާސާ ކުރެއްވުމަށް ރިޔާސަތުން ވަނީ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އޯއައިސީގެ ލޭބަރ ސެންޓަރަކީ، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އިޖުތިމާޢީ އެކި ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ޤާނޫނީ ގޮތުން ވަކި ޝަޚުސެއްގެ ގޮތުގައި އުފައްދާފައިވާ އޯއައިސީގެ ސްޕެޝަލައިޒްޑް އިންސްޓިޓިއުޝަނެކެވެ. މި އިދާރާ އުފެދުނީ، 2023 ވަނަ އަހަރުއެވެ.

އޯއައިސީގެ ލޭބަރ ސެންޓަރގެ މަޤުޞަދުތަކުގެ ތެރޭގައި އެ ސެންޓަރުގެ މެންބަރު ޤައުމުތަކުގެ މެދުގައި އެކަށީގެންވާ މަސައްކަތު މާޙައުލެއް ޤާއިމުކުރުމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނެއެވެ. މިއީ، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް ފަޤީރުކަން ނައްތާލުމަށް ކުރާ މުހިންމު މަސައްކަތެކެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގައި 57 މެންބަރު ޤައުމު އޮވެއެވެ. ރާއްޖެއަކީ، 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގެ މެންބަރު ޤައުމެކެވެ.