ޚަބަރު

މައްސަލަ ހައްލުކޮށް ގަމަށް ކަރަންޓުދީފި


  • އަލިފާނުގެ ހާދިސާއަކާ ގުޅިގެން ގަމުގެ 3 ސަރަހައްދަކުން ކަރަންޓު ކެނޑުނު

  • ގެއްލުންވެފައިވަނީ ގަމަށް ކަރަންޓުދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނަށް

  • މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓު ފޯރުކޮށްދީފައި

ލ.ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި އިންޖީނަކަށް ގެއްލުވެ ލ.ގަމުގެ 3 ސަރަޙައްދަކުން ކަރަންޓު ކެނޑުނުކަމަށެވެ. އެހެންނަމަވެސް ފެނަކަ އަދި ސިފައިންގެ ޓެކްނިކަލް ޓީމަކުން ކުރި މަސައްކަތުން މިހާރު 3 ސަރަޙައްދަށްވެސް ކަރަންޓު ފޯރުކޮށްދީފައިވާކަމަށެވެ. އަދި އެއް ޖެނެރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް ނަޖާޙް ވިދާޅުވިއެވެ.

ގަމުގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެއް އެނެކްސްގައިކަމަށް ފެނަކައިން ވިދާޅުވެއެވެ. މިހާދިސާގައި ފެނަކައިން ބެލި ބެލުމުން ގެއްލުންވެފައިވަނީ ގަމަށް ކަރަންޓުދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނަށްކަމަށް ފެނަކައިން ވިދާޅުވެއެވެ.

ކަރަންޓު ކެނޑުނު ވަގުތު އެރަށުން ފެން ކެނޑުނު ނަމަވެސް އެމައްސަލަވެސް ހައްލުކޮށްފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ. އަދި އެރަށުގެ ނަރުދަމާއަށް މައްސަލައެއް މީގެ ސަބަބުން ކުރިމަތިނުވާކަމަށް ފެނަކައިން ވިދާޅުވެއެވެ.

ގަމުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 2:50 ހާއިރުއެވެ. އަދި 3:50 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.