ޚަބަރު

ވަޒީރުގެ އިންޒާރު: ޑްރަގުގެ ކަންކަމުގައި އުޅޭނަމަ އޮންނާނީ ހަރުކަށި އަދަބު


  • މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަކިން ޓާރގެޓްކުރެވޭނެކަމަށް ވިދާޅުވި

  • މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓާލުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވި

މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރުމުގައި އުޅޭނަމަ އެއްވެސް ހަމްދަރުދީއެއް ރަޙުމެއް ނެތި އެ މީހަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ އިސް ބަޔަކު ހައްޔަރުކުރުމާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަކިން ޓާރގެޓްކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެކަންކުރުން ހުއްޓާލުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުލުހުންގެ ތަޙުޤީޤު އެ މީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަޙުމެއް، ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެކަމަށެވެ. އަދި ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެ މީހުންނާ މެދު އެޅޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ އައްޑޫގެ ޑްރަގް ނެޓްވޯރކެއްގެ އިސް މީހުންތަކެއް ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ މި މީހުންނާ ގުޅޭގޮތުން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑަރކުރުމުގެ ތަޙުޤީޤެއް ފެށީ މި އަހަރު މާރިޗު މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާކަން ފުލުހުން ވިދާޅުވިއެވެ. އަދި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިޔަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން "އޮޕަރޭޝަން އަލިމަގު" ފެށީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އޮޕަރޭޝަނުގައި މިދިޔަ މަހުގެ 13ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ. އެހެންކަމުން ސަރުކާރުން އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އެ ވިއްކާ ވިއުގަތަކުގެ ވެރިން ހައްޔަރުކޮށް، އެ ވިއުގަތައް ނައްތާލުމަށެވެ.