ސަރުކާރު ޖަވާބުދާރީކޮށް، އިދާރާތަކާއި މުއައްސަސާތަކުގެ މައްސަލަތައް ބެލުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި މަޖިލީހުން ކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ 3 ވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެެއްވި އިންޓަވިއުއެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ މަސައްކަތް ނިންމާލައި، މަޖިލިސް މިހާރު ޗުއްޓީއަށް ގޮސްފައިވާއިރު، މިއަހަރުގެ 3 ދައުރުގެ ތެރޭގައި މަޖިލީހުން ވަނީ 31 ބިލެއް ފާސްކޮށްފައެވެ. މީގެ ތެރޭގައި މުހިންމު ގިނަ ބިލުތަކެއް ހިމެނޭއިރު، ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މަޖިލީހުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، 20 ވަނަ މަޖިލީހުގެ އުޞޫލަކީ ސަރުކާރު ހިންގުމަށް ނުވަތަ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމުގައި މަޖިލީހުން ކުރަންޖެހޭ ކަމެއް ނުނިމި އޮތްނަމަ އެ މަސައްކަތެއް ނިންމުމަށްފަހު ޗުއްޓީއަށް ދިއުން ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، 20 ވަނަ މަޖިލީހުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ބިލުތައް ނިންމައިދީ، ރައީސް ބޭނުންފުޅުވާ ހަލުވިކަމާއެކު މަސައްކަތްތައް ނިންމުމަށް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވައި، މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ކޮމިޓީތަކުންވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ވަޒީރުން ޖަވާބުދާރީ ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން 70 އަށްވުރެ ގިނަ ފަހަރު ވަޒީރުން މަޖިލީހަށް ޙާޟިރުކުރި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ސަރުކާރަށް ކުރިމަތިނުވެ މަޖިލީހުން ކޮށްދޭންޖެހޭ ހުރިހާ ކަންތައްތަކެއް ކޮށްދެވޭތޯ، އެންމެ ފުރިހަމަ ގޮތުގައި ކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑު ހަމަ ވަރަށް ހިތްހަމަޖެހޭ މިއަހަރުގެ މި މަޖިލީހުގެ މަސައްކަތްތަކާއި ދޭތެރޭގައި" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަނީ، މުހިންމު ބިލުތައް ވަރަށް ފުރިހަމައަށް ދިރާސާ ކުރުމަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި ބިލުތަކުގެ މަސައްކަތް ނިންމައި، ނަތީޖާ ނެރެދިނުމަށް ކަމަށް މަޖިލީހުގެ ރައީސާއި މެންބަރުންވެސް ފާހަގަކުރައްވައެވެ. އަދި ކޮމިޓީތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރާއިރު، ސަރުކާރަށް ފާރަވެރިވުމާއި މިނިވަން މުއައްސަސާތަކުން ކުރާ މަސައްކަތްތައް ބަލައި އިދާރާތަކާއި، ކުންފުނިތަކާއި، މުއައްސަސާތަކުގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރެއެވެ. އަދި އެދުވަސްވަރެއްގައި ފާހަގަކުރެވޭ ތަފާތު އެކި މައްސަލަތަކާއި ގުޅިގެން ހުށަހެޅޭ ކަންކަން އޮންނަ އުސޫލުގެ ތެރެއިން މަޖިލީހުން ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދަނީ އިރުޝާދު ދެމުންނެވެ.
މިއަހަރުގެ 3 ދައުރުވެސް ނިންމާލައި، މަޖިލިސް މިހާރު މިވަނީ ޗުއްޓީއަށް ގޮސްފައެވެ. މިއަހަރު މަޖިލީހުން ކުރެއްވިި މުހިންމު މަސައްކަތްތަކުގެ ތެރޭގައި މިއަހަރު ބޭއްވި އެމަޖިލީހުގެ 87 ޖަލްސާގައި ގާތްގަނޑަކަށް 169 ގަޑިއިރު ވަނީ ހޭދަކޮށްފައެވެ. އަދި ކޮމިޓީތަކުގެ 462 ބައްދަލުވުން ބާއްވާފައިވާއިރު، ގާތްގަނޑަކަށް 351 ގަޑިއިރު ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހޭދަކޮށްފައިވެއެވެ.
މިއަހަރުގެ ތެރޭގައި މަޖިލީހުން ވަނީ، ޖުމްލަ 31 ބިލެއް ފާސްކޮށްފައެވެ.
• ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލު
• މަތީ ތަޢުލީމާއި ތަމްރީންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ޓެރޭޑްމަރކްގެ ބިލު
• ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
• ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު
• ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް
އިޞްލާޙު ގެނައުމުގެ ބިލު
• ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ޒަކާތުގެ ބިލު
• މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• މޯލްޑިވްސް އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
• ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
• ގޭންގު ކުށްތައް ހުއްޓުވުމާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު
މިއަހަރުގެ ތެރޭގައި އީ-ޕެޓިޝަންގެ ނިޒާމު ތަޢާރަފު ކުރުމަށް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށްވެސް އިޞްލާޙު ގެނެސްފައިވެއެވެ. މިއީވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފަސޭހަ ނިޒާމެއްގެ ތެރެއިން މަޖިލީހަށް ހުށައެޅުމުގެ މަގު ފަހިކޮށްދިނުމަށް ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ނިޒާމެކެވެ.