ޚަބަރު

އެހީއަށް 25،000 މަސްދަޅުކޭސް، ބޯޓު ލަންކާއަށް ބަނދަރުކޮށްފި


  • ސަރުކާރުންވަނީ 25000 މަސް ދަޅު ކޭސް ހަދިޔާކޮށްފައި

  • ރަސްމީކޮށް ހަވާލުކުރާނީ ލައްކާގައި ހުންނަ ރާއްޖޭގެ އެމްބަސީން

ދިވެހިރާއްޖެއިން ލަންކާއަށް ހަދިޔާކުރާ، މަސްދަޅު ކޭސްތައް ހިފައިގެންދިޔަ ބޯޓު މިއަދު ހެނދުނު ލަންކާއަށް ބަނދަރުކޮށްފިއެވެ.

ދިތުވާ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި އެހީތެރިވެދިނުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސް ދަޅު ކޭސް އެ ޤައުމަށް ހަދިޔާކުރައްވާފައެވެ.

މަސްދަޅު ކޭސް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި، 14 ކޮންޓެއިނަރުގައެވެ. އެމްއެސްއެސްއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، ބޯޓު ރޭގެ ވަގުތެއްގައި ލަންކާއަށް ގޮސްފައިވާކަމަށާއި މިއަދު ހެނދުނު ބަނދަރުކޮށްފައިވާކަމަށެވެ.

ހަދިޔާކުރި މަސްދަޅު ކޭސްތައް، މިއަދު ރަސްމީކޮށް އެ ޤައުމާ ހަވާލުކުރާނީ ދިވެހި އެމްބަސީގެ ފަރާތުންނެވެ.

މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ދިވެހި ސަރުކާރުގެ އެހިގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާވެސް މިހާރު ވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ލަންކާ ސަރުކާރާ ހަވާލުކުރައްވާފައެވެ.

އަދި މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ. މި ފައިސާވެސް މިހާރު ވަނީ، ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފައެވެ.

ތޫފާން ދިތުވާގައި ސްރީލަންކާއިން 479 މީހުން މަރުވެ 350 މީހުން ވަނީ ގެއްލިފައެވެ. އެ ތޫފާނުގެ އަސަރު 1.2 މިލިޔަން މީހުންނަށް ކޮށްފައިވެއެވެ.