އާޖެންޓީނާގެ ކޯޗު ލިޔޮނަލް ސްކަލޯނީގެ ކިބައިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މައާފަށް އެދިއްޖެ އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމާއަތުގެ ރައީސް މިފަދައިން ކަންކަން ކުރަން ޖެހުނީ ހުކުރު ދުވަހުގެ ރޭ ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ސްކަލޯނީ އަތަށް އަންގި އަރުވައިގެން ވޯލްޑް ކަޕް ތަށި ސްޓޭޖަށް ގެންސްދޭން ޖެހުމުންނެވެ.
"އަހަރެން ވަރަށް ބޮޑަށް މިކަމާ މައާފަށް އެދެން. އަހަރެންނަށް ކުރިން މިކަމެއް ނޭނގެ،" އިންފަންޓީނޯ ވިދާޅުވި އެވެ. އޭނާ ފަހުން ވަނީ ހޮނިހިރު ދުވަހު އޮތް ފީފާ އިވެންޓްގައި ވޯލްޑް ކަޕް ތަށި ހިފައިގެން ހުރުމަށް އެދި ސްކަލޯނީ އަށް ދައުވަތު ދީފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ސްކަލޯނީ ބުނީ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ތަށި ހިފައިގެން ސްޓޭޖަށް އަރަން ދީފައި އޮތް ދައުވަތަށް އޭނާ ދިއުމުން ފީފާގެ އޮފިޝަލުންނަށް އޭނާ އަކީ ކާކު ކަން ނޭނގުނު ކަމަށެވެ.
ފީފާގެ ގަވާއިދުތައް އޮންނަ ގޮތުން ވޯލްޑް ކަޕް ތަށީގައި އަތްލެވޭނީ އެ ތަށި ކާމިޔާބުކޮށްފައިވާ ޓީމުގެ ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށެވެ. ސްކަލޯނީ އަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާގެ ކޯޗެވެ.
"އޭނާ އަށް ވޯލްޑް ކަޕް ތަށީގައި އަތްލެވޭނެ. އޭނާ އަކީ ޗެމްޕިއަނެއް،" އިންފަންޓީނޯ ވިދާޅުވި އެވެ.
ގުރު ނެގުމުގެ ރަސްމިއްޔާތުގައި އަތަށް އަންގި އަރުވައިގެން ސްކަލޯނީ ތަށި ސްޓޭޖަށް ގެންދިއުމުން ވަރަށް ގިނަ ބަޔަކަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.