ޚަބަރު

ކުޑަ ނަމަވެސް ރާއްޖެއަކީ ސަރަހައްދީ ލީޑަރެއް، ދުނިޔެއަށް ނަމުނާއެއް!


  • ލަންކާއިން ބައިނަލްއަޤްވާމީ އެހީއަށް އެދުމުން އެންމެ އަވަހަށް އިޖާބަދިނީ ރާއްޖޭން

  • ދިވެހި ސަރުކާރުން ވަނީ 50 ހާސް ޑޮލަރާއި 25 ހާސް މަަސްދަޅު ކޭސް ހަދިޔާކުރައްވާފައި

  • ދިވެހި މީޑިއާތަކުން ގުޅިގެން ބޭއްވި ޓެލެތޯނުން އެއްކުރެވުނު 8 ލައްކަ ޑޮލަރުވެސް ހަދިޔާކޮށްފައިވޭ

  • ބައެއް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކުންވެސް ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދިން

އަވަށްޓެރި ލަންކާއަށް މިދިޔަމަހު އެރި ނުރައްކާތެރި ތޫފާން، ދިތުވާގެ ސަބަބުން ކުރި ވިއްސާރާގައި އެ ޤައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން މިހާތަނަށް ފޯރުކޮށްދީފައިވާ އެހިީއަކީ މި ހާލަތުގައި ލަންކާއަށް ޤައުމަކުން ފޯރުކޮށްދިން އެންމެ ބޮޑު އެހީއެވެ.

ލަންކާއަށް އެހީތެރިވުމުގެ މަސައްކަތުގައި އެމެރިކާއާއި ދުނިޔޭގެ ބޮޑެތި އެހެން އިޤްތިޞާދުތައް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖެއިން ކުރި ހޯދާފައިވާއިރު މިކަމުން ސާބިތުކޮށްދެނީ ޤައުމަކަށް ލިބިފައިވާ އިޤްތިޞާދީ ކުރިއެރުންތަކަށްވުރެ މުހިންމީ އެ ޤައުމަކުން ގެންގުޅޭ އިންސާނީ ރިވެތި އުސޫލުތައްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކާރިސާގެ ހާލަތުގައި ދުނިޔޭގެ އެހީއަށް ގޮވާލި އަވަށްޓެރި ޤައުމަށް އެހީތެރިވެދިނުމަށް ރާއްޖޭން ކުރި މަސައްކަތަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަން ލީިބިފައިވާއިރު، މިއީ ސަރަޙައްދީ ޑިޕްލޮމަސީއަށް އަންނަމުންދާ ބަދަލުތައްވެސް ދައްކައިދޭކަމެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އެންމެ ބޮޑު އެހީ، އެންމެ ކުޑަ ޤައުމުން

ކާރިސާގެ ހާލަތު ކުރިމަތިވެ، ބައިނަލްއަގުވާމީ އެހީއަށް އެދުމުން އެންމެ ފުރަތަމަ އެކަމަށް އިޖާބަދީ، ލަންކާއަށް އެހީތެރިވުމުގެ ގޮތުން 50 ހާސް ޑޮލަރާއި 25 ހާސް މަސްދަޅު ކޭސް ހަދިޔާކުރައްވާނެކަން ދިވެހި ސަރުކާރުން އިޢުލާންކުރެއްވުމަކީ ތާރީޚީ ކަމެއްގެ އިތުރުން، މިއީ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ހާސް ލަންކާ ރައްޔިތުންނަށް މި ދަނޑިވަޅުގައި ލިބިގެންދިޔަ ވަރަށް ބޮޑު އެހީތެރިކަމެއްކަން އެ ޤައުމުގެ ރައްޔިތުން ފާޅުކުރަމުންދާ ޝުޢޫރުތަކުން ހާމަވެއެވެ.

ދިވެހި ސަރުކާރުން ފޯރުކޮށްދެއްވި އެހީގެ އިތުރުން، ރާއްޖޭގެ މީޑިއާތަކުން ކުރިއަށްގެންދިޔަ ޓެލެތޯނުގެ ތެރެއިން ދިވެހި ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ވަނީ އެތައް މިލިޔަން ރުފިޔާއެއް ލަންކާއަށް ހަދިޔާކޮށްފައެވެ.

ސަރުކާރުން ފޯރުކޮށްދެއްވި އެހީއާއި ޓެލެތޯނުން ލިބުނު ފައިސާއާއި ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުން ހަދިޔާކުރެއްވި އެހީގެ އަދަދުތައް އެއްކޮށްލުމުން، އެމެރިކާއާއި ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކުން ހަދިޔާކުރި ފައިސާގެ އަދަދަށްވުރެ ރާއްޖެއިން ފޯރުކޮށްދިން އެހީގެ އަދަދު އިތުރެވެ. ލަންކާ ރައްޔިތުންވެސް ގެންދަނީ އެކަން ހައިރާން ކަމާއި އުފަލާއެކު ފާހަގަކުރަމުންނެވެ.

"ދުވަހަކުވެސް މިފަދަ އަޅާލުމަކާއި ލޯތްބެއް އަވަށްޓެރިއެއްގެ ފަރާތުން ނުފެނޭ. ބޮޑެތި ޤައުމުތަކުން ފައިސާ ދޭނެ ވާހަކަ ދައްކަނީ. އެކަމަކު ރާއްޖެއިން ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެންމެ ބޭނުންވި ވަގުތު އެ ފޮނުވީ ފައިސާއާއި ކާނާ. އަހަރުމެން މިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ." ލަންކާ ރައްޔިތަކު ބުންޏެވެ.

ދުނިޔޭގެ ތައުރީފް: ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ

ހާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް އެހީތެރިވުމަށް ކުރި މަސައްކަތަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ތައުރީފް ރާއްޖެއަށް އޮހެމުންދާއިރު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މިއީ ރައިީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ދައްކައިދޭ ކަމެއްކަމަށެވެ.

ކަންކަމުގައި އެހެން ޤައުމުތަކަށް އަބަދު ބަރޯސާވެފައި އޮންނަ ޤައުމެއްގެ ބަދަލުގައި، ދުނިޔޭގެ އިޙްތިރާމާއި ގަދަރު ލިބިފައިވާ ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ރައީސް ޑރ. މުޢިއްޒު ފެށްޓެވި މަސައްކަތުގައި ހޯއްދަވާފައިވާ ކާމިޔާބީ މިހާރު ފެންނަމުންދާކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރައްވައެވެ.

އަވަށްޓެރި ޤައުމުތަކާއެކު ބާއްވާ ގުޅުންތަކަށް އިސްކަންދީ، އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ އިތުރު ގުޅުންތައް އުފެއްދުމުގެ މައްޗަށް ބިނާވެފައިވާ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން މިއަދު ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުމަށް ދާން އޮންނަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ޤައުމެއް ނޫނެވެ. މިއަދު ރާއްޖެއަކީ ދުނިޔޭގެ ބޮޑެތި އެހެން ޤައުމުތަކޭ އެއްގޮތަށް ބައިނަލްއަގުވާމީ މުޖްތަމައުގައި ގަދަރާއި އިޙްތިރާމްވެސް ލިބިފައިވާ ޤައުމެކެވެ.

މިނިވަން، ބާރުވެރި، ފަޚުރުވެރި ރާއްޖެ

ބައިނަލްއަގުވާމީ މުޖްތަމައުގައި މިއަދު އޮތް ތައުރީފާއި ގަދަރަކީ ލަންކާއަށް އެހީތެރިވުމުގެ މަސައްކަތް ފެށި ހިސާބަކުން ލިބެން ފެށި ގަދަރަކާއި އިޙްތިރާމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަށް ބައިނަލްއަގުވާމީ މުޖްތަމައުގެ ތައުރީފް ލިބެމުންދާތާ ދުވަސްތަކެއްވެއްޖެއެެވެ.

ޚާއްސަގޮތެއްގައި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއި އަޑު އުފުއްލެވުމުގައި ދައްކަވާ ހިތްވަރުފުޅުގަދަކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަަނީ ތައުރިީފާއެކު ބަލައިގަނެ، އެކަން ފާހަގަކުރަމުންނެވެ. ކިތަންމެ ބާރުހުރި ފަރާތްތަކަށް ވިޔަސް، އަނިޔާވެރިކަމާއި ބޭއިންސާފާއި ދެކޮޅަށް ތެދުވުމުގައި ރާއްޖެއިން ފަސްނުޖެހޭނެކަން ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ޕާސްޕޯޓް މަނާކުރުމަށް ނިންމެވި ނިންމެވުމާއެކު ދުނިޔެއަށް ވަނީ ސާބިތުކޮށްދެއްވަފައެވެ.

މީގެކުރިން ބައިނަލްއަގުވާމީ މުޖްތަމައުގައި ހިނގާ ކަންކަމުގައި ރާއްޖޭގެ ވާހަކަ އިވޭނީ މަދު ފަހަރަކުއެވެ. އެ ވާހަކަތަކުގެ ތެރޭގައިވެސް އިވޭނީ "އެންމެ ވަރި ގިނަ ޤައުމު" ފަދަ އެހެން މީހުންގެ މަލާމަތްކުރާ ނުވަތަ ޖޯކު ޖަހާ ފަދަ ވާހަކަތަކެވެ. ޤައުމާމެދު ފަޚުރުވެރިވާނެ ފަދަ ވާހަކައެއް އިވޭނީ ވަރަށްވެސް މަދުންނެވެ. ނަމަވެސް މިއަދު އެކަން ބަދަލުވެއްޖެއެވެ. މިއަދު ރާއްޖެއަކީ އެހެން ޤައުމުތަކަށް މިސާލު ދައްކާ ފަޚުރުވެރި ޤައުމެކެވެ.

ރާއްޖޭގެ ދިދަ ވިހުރުވަމުންދާ އުޅަނދުތައް އެހީގެ ސާމާނުތައް ހިފައިގެން ލަންކާއަށް ގޮސްފައިވާއިރު، މިއީ ދިވެހި ކޮންމެ ރައްޔިތަކުވެސް އެކަމާމެދު ފަޚުރުވެރިވާނެކަމެއްކަމާމެދު ޝައްކެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތާއެކު އެހެން ޤައުމުތަކުން ދޭ އެއްޗަކަށް ބަރޯސާވެގެން އޮންނަ ޤައުމެއްގެ ގޮތުގައި ރާއްޖެ އޮންނަ އޮތުން ބަދަލުވެއްޖެއެެވެ.

މިއަދު ރާއްޖެއަކީ އަވަށްޓެރި ޤައުމުތަކަށް އެހީތެރިވާ ސަރަޙައްދީ ލީޑަރެއްގެ އިތުރުން، އަނިޔާވެރިކަމާއި ބޭއިންސާފާއި ދެކޮޅަށް ތެދުވެ، އިންސާނިއްޔަތަށް މަސައްކަތް ކުރުމުގައި ދުނިޔެއަށް ނަމުނާއެކެވެ. މިއީ ފަޚުރުވެރި ރާއްޖެއެއް ބިނާކުރުމުގެ މައްޗަށް ބިނާކޮށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ކަމިޔާބު ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ހާމަކޮށްދޭ ފޮނި ނަތީޖާ ތަކެވެ.