ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުންހުރި އެކި ކަންކަމުގައި 7،000 އޮފިޝަލުން ބޭނުންވާއިރު، އޮފިޝަލް ކަމަށް މިހާތަނަށް ކުރިމަތިލީ 3،000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރެއްވީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އޮފިޝަލް ކަަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ މުއްދަތު މިމަހުގެ 21 ވަނަ ދުވަހަށް ހަމަވާނެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ޓްރެއިނަރ ފާތިމަތު ޒުހުދާ ވިދާޅުވީ، އޮފިޝަލް ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވާން ގާތްވެފައިވާއިރު، އަދިވެސް ވަރަށް ގިނަ އޮފިޝަލުން ބޭނުންވާ ކަމަށެވެ. އެގޮތުން ޖުމުލަ 7000 އޮފިޝަލުން ބޭނުންވާއިރު، މިހާތަނަށް ލިބިފައިވަނީ ގާތްގަނޑަކަށް 3،000 ހުށައެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޒުހުދާ ވިދާޅުވީ، އިންތިޚާބާ ގުޅިގެން ރަށް ރަށަށް ކުރި ދަތުރުތަކުގެ ތެރެއިން ގިނަ ބަޔަކު އޮފިޝަލް ކަމަށް ކުރިމަތިލާން ޝައުޤުވެރިކަން ހުރިކަން ފާހަގަވި ކަމަށެވެ. ނަމަވެސް، މައި ޕޯޓަލްގެ ތެރެއިން އޮފިޝަލް ކަމަށް ކުރިމަތިލުމުގައި އެ މީހުންނަށް ދަތިތައް ހުރިކަން ފާހަގަވި ކަމަށް ޒުހުދާ ވިދާޅުވިއެވެ. އެގޮތަށް ދަތިތައް ދިމާވާ މީހުން، އިލެކްޝަންސްގެ ހޮޓްލައިން 1414އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ޒުހުދާ ވިދާޅުވިއެވެ.
ޒުހުދާ ވިދާޅުވީ، އޮފިޝަލުން ތަމްރީން ކުރާ ޓްރެއިނަރުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. ޓްރެއިނަރުންނާއި އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.
"ޓްރެެއިނަރުން ތަމްރީން ކުރަން މި ފަށަނީ، އަންނަ ޖެނުއަރީ މަހުގެ ތެރޭގައި. ދެން ރޯދަ މަހުގެ ކުރިން ފަށާނަން އޮފިޝަލުން ތަމްރީންކުރަންވެސް." ޒުހުދާ ވިދާޅުވިއެވެ.
ޢުމުރުން 18 އަހަރުވެފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާނުކުރާ ކޮންމެ މީހަކަށް އޮފިޝަލަކަށް ވެވޭނެއެވެ. އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. އަދި ވެރިޔާގެ އެހީތެރިންނަށް 2600 ރުފިޔާ، އާދައިގެ އޮފިޝަލުންނަށް 2300 ރުފިޔާ، ގުނާ އޮފިޝަލުންނަށް 1800 ރުފިޔާ އަދި ރިޒަރވް އޮފިޝަލުންނަށް 1000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަސައްކަތް ކުރާ ގަޑިތަކަށް ބަލާ ކެއުމާއި، ސައިގެ އެލަވަންސް އަދި އިތުރު ގަޑީ ފައިސާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.