ޚަބަރު

ޖަނަވަރީގައި ޒަކާތު ބެނިފިޝިއަރީ ކާޑު ތަޢާރަފްކުރެވޭނެ: ޑރ. ޝަހީމް


  • މިއީ، ބޭންކުތަކުން ދޫކުރާ ވިސާ ކާޑާއި ދާދި އެއްގޮތަކަށް މަސައްކަތް ކުރާ ކާޑެއް

  • އާސަންދައިން ކަވަރ ނުކުރާ ޚަރަދުތައް މި ކާޑުން ކަވަރ ކޮށްދޭނެ

ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އަމާޒު ކޮށްގެން މުހިންމު ޚިދުމަތްތަކެއް ދިނުމަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" އަންނަ މަހު ތަޢާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފަޤީރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަކާތު ބެނެފެޝިއަރީ ކާޑު އުފެއްދުމުގެ މައިގަނޑު މަޤުސަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވަކި މިނިވަން އިދާރާއެއްގެ ގޮތުގައި އުފައްދަވައި، އެ އިދާރާއާ ހަވާލުކުރެއްވި މުހިންމު މަސްއޫލިއްޔަތެއް ކަމުގައިވާ ފަޤީރު ކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތެކެވެ.

މި ކާޑާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި ކާޑުގެ އެންމެ މުހިންމު ބޭނުމަކީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް، ފަސޭހަކޮށްލުން ކަމަށެވެ. އަދި ޒަކާތު ހައުސްއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ތަޢާރަފްކުރާ މި ކާޑުން އެއީ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ މީހެއްކަން ދެނެގަނެވޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިކާޑު އޮތީމަ އޭނާއަކީ، ކާކުކަން ދެނެގަނެވޭނެ. އެހެންވެ އޭނައަށް ލިބިދޭންޖެހޭ އެހީ، ޒަކާތު ހައުސްއިން އޭނައަށް ދޭ އެހީ އެކާޑުން އޭނައަށް ޕޭ ކުރެވޭނެ. މިސާލަކަށް ރަމަޟާން މަހުގައި އަޅުގަނޑުމެން ފަޤީރު މީހާއަށް މިދިނީ ކާބޯތަކެތި. އެ ކާބޯތަކެތީގެ ބަޖެޓަށް އެމީހަކަށް ކަނޑައަޅާފައި މިއޮތީ މިސާލަކަށް 5000 ރުފިޔާ. މި ރުފިޔާއާ ހަމައަށް ކަނޑައެޅިފަ ހުންނަ ފިހާރަތަކަކުން އޭނާއަށް ކާބޯތަކެތި ގަނެވޭނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ފަޤީރުން އޮފީސްތަކަށާއި ތަންތަނަށް ހިނގަންޖެހޭ މިންވަރު މަދުވެ، ޚިދުމަތްތައް ފަސޭހަކޮށް ލިބިދޭނެ ކަމަށެވެ. އަދި މި ކާޑު ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކާ އެއްފަދައިން ބަލައިގެން، ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ޖަނަވަރީ މަހު މި ކާޑު އިފްތިތާޚު ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތައް ކުރިއަށްދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޒަކާތު ހައުސްއިން ވިދާޅުވީ، ޒަކާތު ބެނެފެޝިއަރީ ކާޑު ތައާރަފްވުމާއެކު، ސިއްޙީ ޚިދުމަތްތަކުން އާސަންދަ ސްކީމުގެ ދަށުން ކަވަރ ނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރ ކޮށްދިނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރަމަޟާން މަހު ކާބޯތަކެތި ގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައްވެސް މި ކާޑުން ލިބިގެންދާނެ ކަމަށްވެސް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.

މި ކަންކަމަކީ އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ އަދި މުހިންމު ކަންކަން ކަމުގައި ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.

ޒަކާތު ހައުސްއިން މިހާރުވެސް ދަނީ، ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަޤީރުންނަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަޢާރަފްކުރާ ޒަކާތު ބެނެފެޝިއަރީ ކާޑަކީ، ފަޤީރުންނާއި މިސްކީނުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެޅުނު ބިންގަލެއްގެ ގޮތުގައި ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.