އައިކާއޯ އޮޑިޓުން 14 އިންސައްތައިގެ ކުރިއެރުމެއް ހޯދައި، ރާއްޖޭގެ މަދަނީ އުދުހުންތަކުގެ ސިނާޢަތް އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިހެން ވިދަޅުވީ، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން ފޮނުއްވި ޚިޠާބުގައެވެ.
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 7ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހުގެ މުނާސަބާގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ދެއްވި ހިޠާބުގައި އެ ސިނާޢަތުން ވޭތުވެދިޔަ ދުވަސްތަކުގައި ހޯދާފައިވާ ކާމިޔާބީއަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ސިނާޢަތުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާށް މުހިންމު ފިޔަވަޅުތަކެއް އަޅައި މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެވުނު ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އަމީންގެ ވަނީ ބައިނަލްއަޤްވާމީ މަދަނީ އުދުހުންތަކާއި ބެހޭ ޖަމިއްޔާ، އައިކާއޯއިން މިދިޔަ ޖޫންމަހު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދައިރާ ވަޒަންކުރުމަށް ކުރިއަށް ގެންދިޔަ އޮޑިޓުން ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައިވާކަން ފާގަކޮށްފައެވެ. އެގޮތުން އެންމެ ފަހުން 2014ވަނަ އަހަރު އޮޑިޓުގައި ހޯދި ނަތީޖާއަށް ވުރެ 14 އިންސައްތަ ކުރިއެރުމެއް ރާއްޖެއިން ހޯދާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަގުތީ ނަތީޖާ ދައްކާގޮތުން 79 އިންސައްތަ މިފަހަރު އޮޑިޓުން ހޯދާފައިވާކަމަށާއި، މިއީ ސިވިލް އެވިއޭޝަން އޮތޯރިޓީ އަދި ސިނާޢަތުގައި މުވައްޒަފުން ކުރި ބުރަ މަސައްކަތާއި، މަސައްކަތުގެ ވައްޓަފާޅި އާއި ސަލާމަތީ މިންގަނޑުތަކަށްދޭ އިސްކަމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ މަސައްކަތްތައް ބައްޓަން ކުރެވިފައިވަނީ އައިކާއޯގެ ޝިޢާރު "ސޭފް ސްކައިސް އެންޑް ސަސްޓެއިނަބަލް ފިއުޗަރ ފޯ އޯލް" އާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އަދި މިގޮތަށް މަސައްކަތްތަށް ބައްޓަންކޮށް ސިވިލް އެވިއޭޝަން އޮތޯރިޓީ ހަރުދަނާކުރަނީ، އެކަށީގެންވާ ރެގިއުލޭޓަރީ އޯވަސައިޓް ނިޒާމެއް ޤާއިމްކުރުމުގެ ޤާއިމްކޮށް ސަލާމަތީ މިންގަނޑު މަތިކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ މިދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވަނީ މިދައިރާގައި ރާއްޖެއިން ހޯދާފައިވާ ބައެއް އެހެން ކުރިއެރުންތައްވެސް ފާހަގަކުރައްވާފައެވެ. ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލް ބޭނުން ކުރަން ފެށުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންތައް ފަށައި އިޤްތިޞާދީ ކުރިއެރުން ހޯދަމުންދާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޤައުމީ އެއަރލައިނާއި ރާއްޖޭގެ އަމިއްލަ އެއަރލައިންތަކުން ފްލީޓު ބޮޑު ކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއް ވައިގެ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުމަށް ކުރެވޭ މަސައްކަތުގެ ދަށުން، 8 އަތޮޅެއްގައި 12 އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މ. މުލީ އެއަރޕޯޓުން ޚިދުމަތް ދޭން ފަށައި، އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ ވަނީ މި ދާއިރާގައި ބައިނަލްއަޤްވާމީ ގުޅުންތައްވެސް އިތުރަށް ވަރުގަދަ ކުރުމަށް، 37 އެއަރ ސާވިސް އެގްރިމެންޓުގައި ސޮއިކޮށް 16 އެމްއޯޔޫގައި ސޮއިކޮށްފައިވާކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން މި ސިނާޢަތާއި ގުޅުންހުރި ވިޔަފާރިތަކުގައި ދިވެހިންނަށް އެކަނި ހަރަކާތްތެރިވެވޭގޮތަށް ޤަވާއިދުތަށް ބަދަލުކޮށް ތަންފީޒުކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފްލޯޓް ޕްލޭން އޮޕަރޭޝަންގައި ރާއްޖެއިން ހޯދާފައިވާ ފަންނީ ތަޖުރިބާ އެހެން ޤައުމުތަކާއި ހިއްސާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު ހިޠޯބު ނިންމަވާލެއްވީ، ރާއްޖޭގެ މަދަނީ އުދުހުންތަކުގެ ދައިރާ ހިމެނޭހެން މިހާރު ހޯދަމުންދާ ކުރިއެރުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ކުރެވޭ މަސައްކަތްތަކެއް ކަމަށް ވިދާޅުވެފައެވެ. ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މި މަސައްކަތާއެކު މިއަދަށް ވުރެ ފަހި މާދަމާއެއް ހާސިލްވާނެ ކުރުމަށް މި ސިޔާސަތުތަކުގެ ތެރެއިން މަސައްކަތް ކުރެވޭ ކަމަށެވެ.