ޚަބަރު

2.0އާއި ޑޭޓާ ޕްރޮޓެކްޝަންއާއި ޑިޖިޓަލް އައިޑީ އަދި އޭއައިއާ ބެހޭ ޤާނޫނުތަކެއް


  • އިދާރާތަކުން ހަދައި ސޮފްޓްވެއަރތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ދަނީ ހަދަމުން

  • ބައެއް ޤާނޫނުތައް ޑްރާފްޓްކޮށް، އޭޖީއަށް ވަނީ ފޮނުވާފައި

މޯލްޑިވްސް 2.0އާއި ޑޭޓާ ޕްރޮޓެކްޝަން ހިމެނޭހެން ފަންނިއްޔާތުގެ އެކި ދާއިރާތަކާ ބެހޭ ގިނަ ޤާނޫނުތަކެއް ހަދައި، މަޖިލީހަށް ހުށައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ޑރ. ކިނާނަތު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޕްލިކޭޝަން އައު ފީޗަރސްތަކަކާއެކު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގައި ތިން އަސާސެއް ހިމެނޭ ކަމަށެވެ. އެއީ ޑިޖިޓަލް އައިޑެންޓިޓީއެއް ޤާއިމުކުރުމާއި ސައިބަރ ސެކިއުރިޓީގެ ދާއިރާ ވަރުގަދަކުރުމާއި އެކި އިދާރާތަކުން ހަދައި ޕޯޓަލްތަކާއި އެޕްލިކޭޝަންތައް ގުޅުވާލުން ކަމަށެވެ.

ޑރ. ކިނާނަތު ވިދާޅުވީ މިހާރު ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އިދާރާތަކުން ހަދައި، ސިސްޓަމްތައް އެއް ސިސްޓަމާއި އަނެއް ސިސްޓަމާ އެއްވެސް ގުޅުމެއް ނެތުން ކަމަށެވެ. ނަމަވެސް ދެ ޕޯޓަލްގެ ދެމެދުގައި މަޢުލޫމާތު ބަދަލުކުރެވެން ފެށުމުން އިދާރާތައް ގުޅިގެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އަވަސްވެ ހަލުވިވާނެކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ. އަދި މިގޮތަށް ހަދައި ޕޯޓަލްތަކާއި އެޕްލިކޭޝަންތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ.

"އިންފޮމޭޝަން ސިސްޓަމްތަކެއް ހަދައި، ބައިވަރު ޑޭޓާ ލިބިދާނެ. ނަމަވެސް ޑޭޓާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން އެބަޖެހޭ. ޑޭޓާގެ އަލީގައި ނިންމުންތައް ނިންމުން އެއީ މުހިންމު ކަމެއް. ޑޭޓާ އެނަލައިސްކޮށްފައި ބޭރު ޤައުމުތަކުގައިވެސް ނިންމުންތައް ނިންމަނީ. ދިރާސާކުރުން އެއީ މުހިންމު ކަމެއް. ޑޭޓާގެ މައްޗަށް ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމުކުރަންޖެހޭ." ޑރ. ކިނާނަތު ވިދާޅުވިއެވެ.

އިދާރާތަކުން ހަދާ ސޮފްޓްވެއަރތަކާއި ބޭނުންކުރާ ހަރޑްވެއަރތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، ރާއްޖޭގައި ފަންނިއްޔާތާ ގުޅުންހުރި ޤާނޫނުތަކެއް ހަދަންޖެހޭކަމަަށާއި އެކަމަށް ގިނަ މަސައްކަތްތަކެއްކުރަމުން އަންނަކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ.

އެގޮތުން ސައިބަރ ސެކިއުރިޓީއާ ބެހޭ ޤާނޫނާއި ޑޭޓާ ޕްރޮޓެކްޝަންއާ ބެހޭ ޤާނޫނުގެ ޑްރާފްޓް އެކުލަވާލައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ. އަދި ޑިޖިޓަލް އައިޑީގެ ޤާނޫނަކާއި މޯލްޑިވްސް 2.0ގެ ޤާނޫނެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންއަންކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓަލެޖެންސްއާ ބެހޭ ޤާނޫނެއްވެސް ހެދޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މި ޤާނޫނުތައް ހެދުމުގެ މަސައްކަތްކުރަމުން އަންނަނީ މޯލްޑިވްސް 2.0ގެ މަޝްރޫޢުގެ ދަށުން ފަންނިއްޔާތުގެ ދާއިރާއިން ރާއްޖެއަށް ކުރިއެރުންތަކެއް ހޯދުމުގެ މަޤުޞަދުގައިކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވީ މިއަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

"މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.